ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހަކު ހައި ކޯޓުގެ އަމުރާ ގުޅިގެން ދޫކޮށްލައިފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު ހައްޔަރު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ކުށެއްގެ ތުހުމަތުގައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ބުނާގޮތުން ކޯޓުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނީ ފިލައިފާނެކަމުގެ ބިރާއި ހެކި ފޮރުވަފާނެ ކަމަށް ފެންނަ ހިނދުގައި އެކަނި ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުންގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު އެ ދެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ ހެކިފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުގައި ވެއެވެ.

ނަމަވެސް އެއަމުރުތައް ބާތިލްކޮށް ހައިކޯޓުން މިއަދު ވަކިވަކިން ކުރި ދެ ހުކުމްގައި ބުނަނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޚިޔާނާތުގެ މައްސަލައަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިނގާފައިވާ ކަމަކަށް ވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިއަހަރު ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިން އެ ދެ މީހުންގެ ފަރާތުން ތަހުގީގަށް ނަގަންޖެހޭ ބަޔާން ނަގާފައިވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ފުލުހުންނަށް ވުރެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަ ތަހުގީގުކޮށްފައިވާއިރު މުހައްމަދު ވަހީދާއި އަހްމަދު އާރިފްގެ ކުށުގެ ރެކޯޑަށާއި އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށް ފަހު މިހާރު އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އެ ދެ މީހުން މިއަދު ދޫކޮށްލާފައިވާއިރު ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު ޝާހިދު ވެސް ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކުރި ހުކުމަށް ފުލުހުން ވަނީ އޭނާ ވެސް ދޫކޮށްލާފަ އެވެ.

އެ ތިން މީހުންގެ އިތުރުން ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދާއި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ވަހީދު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު