ގާނޫނާ ހިލާފަކަށް އަބްދުﷲ ގާޒީ ހައްޔަރެއް ނުކުރަން: ތޮލްހަތު

ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.

ތޮލްހަތުގެ ފަރާތުން މިހެން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ "ކުށް ނުކުރާ މީހަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުގެ ދައުވާއާ" ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ތޮލްހަތުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ތޮލްހަތުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އޭނާ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމެވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓުމުގެ ކަންތައް ރާވައި ހިންގާފައިވާތީ ކަމަށެވެ.

ތޮލްހަތު އިންކާރު ކުރައްވަނީ ދައުވާގެ ކޮންކަންތައްތަކަށް ތޯ ދައުލަތުން ކުރި ސުވާލުގެ ޖަވާބުގައި ތޮލްހަތުގެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހީމް ވިދާޅުވީ ތޮލްހަތަކީ އަސްކަރިއްޔާގެ އެންމެ މަތީވެރިޔާ ނޫންކަމަށެވެ. އަދި ސިފައިންގެ އެންމެ މަތީވެރިޔާ ކަމެއް ކުރުމަށް އެންގުމުން އެކަން ވަގުތުން ތަންފީޒު ކުރުމަކީ ގާނޫނުން އަސްކަރިއްޔާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ ދައުވާ އަކީ އިންސާފުވެރިކަމާ އެކު ތޮލްހަތުގެ މައްޗަށް ކުރެވޭނެ ދައުވާ އެއް ނޫންކަމަށާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހުގެ މައްޗަށް އެ ދައުވާ ކުރަން ޖެހޭ ކަމަށް ވެސް ތޮލްހަތުގެ ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ތޮލްހަތުގެ އަމަލުތައް ބައްޓާފައި ވަނީ ގައުމާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ.

ތޮލްހަތު ދައުވާއަށް އިންކާރު ކުރުމުން އޭނާ ގެ މައްޗަށް ދައުވާ ސާބިތު ކުރާން 30 ހެކި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އެ ހެކިތަކުގެ ތެރޭގައި ތޮލްހަތުގެ ފޯނުން ފޮނުވާފައިވާ އެސްއެމްއެސްތަކަކާއި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކުގެ ސްކްރިޕްޓް ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގެ ޔައުމިއްޔާ އާއި އެ ކޮމެޓީގައި ތޮލްހަތު ދައްކާފައިވާ ވާހަކައެއްގެ ވީޑިއޯ އާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އޭނާ ދެއްވާފައިވާ ނޫސްބަޔާނެއްގެ ވީޑިއޯއަކާއި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ބެހޭގޮތުން ތޮލްހަތު ދެއްވާފައިވާ ނިވްސް ކޮންފަރެންސެއްގެ ވީޑިއޯ ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

ހެކީންގެ ގޮތުގައި ހުށަހެޅި މީހުންގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމާއި ބްރިގޭޑިއާ ޖެނެރަލް އަހްމަދު ނިލާމާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރުގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް އަތީފް ވެސް ހިމެނެއެވެ.

ދައުވާއާ ގުޅޭގޮތުން އިތުރަށް ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން ވަކީލު ވިދާޅުވީ އެކަމަށް ތައްޔާރުވުމަށް އެއްމަސް ދުވަހުގެ ފުރުސަތެއް ބޭނުންވާކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޖާއު އުސްމާން ވިދާޅުވީ އެ މައްސަލައިގެ ލިޔެކިޔުންތައް ތޮލްހަތަށް ދޫކޮށްފައިވާތާ އެތަކެއް ދުވަސް ވެފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ އާ ބެހޭގޮތުން ވާހަކަދެއްކުމަށް އެއްމަސް ދުވަހުގެ ފުރުސަތެއް ނުދެވޭނެ ކަމަށާއި އަންނަ މަހުގެ 13 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު