ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އަކީ ރައްޔިތުން އުފަލާ އެކު ބަލައިގަންނަ ތަނެއް ކަމުގައި ހައްދަވާނޭ ކަމަށް އެ އިދާރާގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އެފްއޭއެމްގައި ނޫސްވެރިނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާގެ މަސައްކަތަކީ އެތަން ތަރައްގީކުރުން ކަމަށާއި އަދި އެމަސައްކަތް ކުރުމަށް އޭނާ ވަނީ ފުރިހަމައަށް ތައްޔާރުވެވަޑައިގެންފައި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑަކީ ޓީމަކަށް ފުޓްބޯޅަ ކުޅުނު މީހެއް ނޫންކަން. އެހެންކަމުން އޭގެ ޒާތުގައި އަޅުގަނޑަކީ ފުޓްބޯޅައިގެ މީހަކަށް ނުވެދާނެ. އެކަމަކު އަޅުގަނޑުގެ ޓާސްކަކީ ދަނޑުމަތީގައި ކޯޗުކަން ކޮށްދިނުމެއްނޫން. ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމު އަދާކުރުމެއްވެސް ނޫން އަދި ރެފްރީގެ ވަޒީފާ އަދާކުރުމެއް ވެސް ނޫން. އަޅުގަނޑުގެ ޓާސްކަކީ މިތަން ތަރައްގީ ކުރުން. ޓެކްނިކަލް ބޭފުޅުންގެ އިރުޝާދުގެ ދަށުން އަޅުގަނޑު މިހިރީ މިތަން ތަރައްގީ ކުރަން ފުރިހަމައަށް ތައްޔާރުވެގެން. ރައްޔިތުން އުފާކޮށްދޭނޭ ތަނަކަށް އެފްއޭއެމް ހަދާނެކަމުގެ ޔަގީންކަން އަރުވަން،" އެފްއޭއެމްއާ އަލަށް ހަވާލުވެ ވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
އިލްހާމްވަނީ އޭނާގެ ޓާސްކުތައް ހަލުއި ދުވެއްޔެއްގައި ފުރިހަމަކުރުމަށް އެފްއޭއެމްގެ އިސް މަގާމުތަކަށް އޭނާއަށް އިތުބާރު ކުރެވޭ ވަރުގަދަ ޓީމެއް އައްޔަން ކޮށްފަ އެވެ. އެގޮތުން ޖެނެރަލް ސެކްރެޓަރީ ގެ މަގާމަށް މުހައްމަދު ހާނިމް، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް އަހްމަދު އާތިފް (އާތީ) އާއި ހަވާލުކޮށްފައި ވާއިރު ޑައިރެކްޓަރ އޮފް އެޓޯލްސް ފުޓްބޯލްގެ މަގާމަށް ހަމަޖައްސާފައިވަނީ އަހްމަދު މުޖްތަބާ (ފެސްކޯ) އެވެ. އަދި ޑައިރެކްޓަރ އޮފް ނޭޝަނަލް ޓީމްގެ މަގާމަށް ޢަލީ ސުޒޭން ހަމަޖައްސާފައި ވާއިރު ރެފްރީޒް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިލްހާމްގެ ކޮއްކޮ އިސްމާއީލް އިޒްހާން އެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ޓެކްނިކަލް ޓީމާއެކު ރެޔާ ދުވާލު ހޭފުޅުލައްވައިގެން ހުންނަވައިގެން ނަމަވެސް ރާއްޖޭގެ ފުޓްބޯޅައަށް ބޭނުންވާ ހެޔޮބަދަލުތައް ގެންނަވަން މަސައްކަތްޕުޅު ކުރައްވާނޭ ކަމަށާއި އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެން ދާނޭ ކަމަށެވެ.
"އަޅުގަނޑާއި ހަވާލުވެފައި މިވަނީ ފުޓްބޯޅަ ޑިވެލޮޕް ކުރުން. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑު ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ އަޅުގަނޑުމެން ޗޭންޖް ގެންނާނަމޭ. އަދި އެ ޗޭންޖުތައް ފެންނާން ފަށާނެ،" ޖޯޝާ އެކު ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އޭނާ އެމަގާމާ ހަވާލުވެ ވަޑައިގަތީ އެ ކަމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެން ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް އޭނާ ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށާއި އަދި ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ލިބޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައި ވާކަމަށެވެ.