ބިލަބޮންގް ހައި ސްކޫލުން އިރުގެ ހަކަތައިން ކަރަންޓު އުފައްދަނީ

ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގައި އިރުގެ ހަކަތަ (ސޯލާ އެނާޖީ) ބޭނުން ކޮށްގެން އުފައްދާ ކަރަންޓު ދޭން ފަށައިފި އެވެ.

މިއަދު ހަވީރު އެސޫލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގައި އިރުގެ ހަކަތަ ބޭނުންކުރުން ރަސްމީކޮށް ފައްޓަވައި ދެއްވީ ޝަރަފުވެރި މެހެމާނު މިނިސްޓަރު އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ޑރ. މަރިޔަމް ޝަކީލާ އެވެ.

އިރުގެ އަވިން ހަކަތަ އުފައްދައިދޭ ނިޒާމް ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގައި މިއަދު ބޭނުން ކުރަން ފެށުމުން އެސްކޫލް ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިގޮތަށް ކަރަންޓް ބޭނުން ކުރަންފެށި ފުރަތަމަ ސްކޫލް ކަމުގައެވެ. އަދި މިއީ ތިމާވެއްޓާ ރަހްމަތްތެރި ގޮތަކަށް ކަރަންޓް އުފެއްދުމަށް އެ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން އަދި ވެރިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިއުން ވެސް މެއެވެ.

ބިލަބޮންގް ގައި ހަރުކުރެވިފައިވާ އިރުގެ ހަކަތައިގެ ނިޒާމަކީ އެސްކޫލްގެ ގްރޭޑް 10 އެއްގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން، ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލާއި، ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއި އަދި ސޯލާޕެނަލް އުފައްދާ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ވާސޯލް ޖީއެމްބީއެޗް ގުޅިގެން ހިންގާފައިވާ މަޝްރޫއެކެވެ.

ގާތްގަނޑަކަށް 70 ކިލޯވޮޓްގެ ކަރަންޓު އުފައްދައިދޭ އެސިސްޓަމްގެ 301 ސޯލާ ގްރިޑް ހަރުކޮށްފައި ވަނީ، އެ ސްކޫލްގެ ފުރާޅު މަތީގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަރިޔަމް ޝަކީލާ ފާހަގަ ކުރެއްވި ގޮތުގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދުނިޔެއަށް އެތައް ބައިވަރު ނުރައްކާތަކެއް ކުރިމަތިވަމުން ދާ މި ދަނޑިވަޅުގައި ތިމާވެއްޓާ ރައްޓެހި މިފަދަ ހަރަކާތްތައް ހިންގުމަކީ ސަރުކާރުން ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކަމެއް ކަމަށެވެ.

އަދި އެކަމަނާ ވިދާޅުވީ ބިލަބޮންގް ސްކޫލުން މިއަދު ފެށި މަސައްކަތުގެ ސަބަބުން އެސްކޫލް މިވަނީ އެހެން ސްކޫލްތަކަށް ނަމޫނާ އަކަށް ވެފައި ކަމުގައެވެ. އެކަމަށްޓަކައި އެކަމަނާ ވަނީ އެ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނާއި ވެރިންގެ އިތުރުން އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ބިލަބޮންގް ހައި ގައި އިރުގެ ހަކަތައިގެ ނިޒާމު ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރެއްވި ރިނިއުބަލް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ އެ ސްކޫލްގައި ހަރުކުރެވިފައިވާ ކަރަންޓު އުފައްދާ ނިޒާމުގެ ސަބަބުން އެތަނުގެ ކަރަންޓު ބިލަށް ގާތްގަނޑަކަށް 22 ނުވަތަ 23 ހާސް ރުފިޔާގެ ލުޔެއް ލިބިގެން ދާނޭ ކަމަށެވެ. އެއީ ގާތްގަނޑަކަށް ބިލަބޮންގުގެ ބިލަށް ލިބިދޭނޭ 50 އިންސައްތައިގެ ލުއިކަމެއް ކަމުގަ އެވެ.

"މިއިން އަޅުގަނޑު ލަފާކުރަނީ ގާތްގަނޑަކަށް 315-350 އާއި ދެމެދުގެ ޔުނިޓުގެ ކަރަންޓު އުފެއްދޭނޭ ކަމަށް. ރަނގަޅަށް މިއިންވާ ފައިދާ ނުވަތަ ބިލަބޮންގުގެ ބިލަށް ލިބޭ ލުޔެއް އިނގޭނީ މަހުގެ ބިލް ނިމުނީމަ. އެކަމަކު އަޅުގަނޑު އެސްޓިމޭޓް މިކުރަނީ ގާތްގަނޑަކަށް ބާވީސް ހާހާއި ތޭވީސް ހާސް ރުފިޔާގެ ސޭވިންގްސް އެއް ލިބޭނޭ ކަމަށް،" ޑރ. ނާޝިދު ވިދާޅުވި އެވެ.


އަދި އޭނާ ވިދާޅުވީ ޕަވަޕާޗޭސް އެގްރީމެންޓުގެ ދަށުން ހުރިހާ ނިޒާމެއް ބަހައްޓައިދެނީ އެކުންފުނީގެ ހަރަދުގައި ކަމަށެވެ. އަދި އެކަމަށް ކްލަޔަންޓުގެ އަތުން އެއްވެސް ހަރަދެއް ނުދާނެ ކަމަށާއި އަދި އެއްވެސް ކަހަލަ އިންވެސްޓެއް ކުރަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިހަދާ ގޮތަކީ މީގެއިން ޖެނެރޭޓްކުރެވޭ ހުރިހައި ކަރަންޓެއް ޕީޕީއޭ އެގްރީމެންޓުގެ ދަށުން ބިލަބޮންގަށް ވިއްކަނީ،" ޑރ. ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލަބޮންގާ އެކީ ވެވިފައިވަނީ 100 ކިލޯވޮޓްގެ އެއްބަސްވުމެއް ކަމަށާއި އެހެން ނަމަވެސް އެތަނުގެ ފުރާޅުގައި ހަރު ކުރެވުނީ 70 ކިލޯވޮޓް އުފެއްދޭ ވަރުގެ ސޯލާ ގްރިޑް ކަމަށެވެ. ބާކީ 30 ކިލޯވޮޓް ގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ސޯލާ ގްރިޑްތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ބިލަބޮންގުން ހިންގާ އަމީރު އަހްމަދު ސްކޫލްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު