ރައީސް މައުމޫން ފިޔަވައި ރާއްޖެ އަށް އެންމެ ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކީ ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވައިފައިވާ އިލްޔާސް އިބްރާހީމް ކަމަށް ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އިލްޔާސް އިބްރާހީމަކީ ރައީސް މައުމޫން ފިޔަވައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ބޭފުޅާ ވެސް ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ ވަރަށް އަވަހަށް އޭނާގެ ޓީމުގެ "ކުޅުންތެރިންނަކީ" ކޮބައިކަން ކަނޑައަޅާނެ ކަމަށާއި އެ ޓީމުގެ ކެމްޕޭން ކުރިއަށްދާނީ ކުރީން ވެސް އިންތިޒާމް ކުރެވިފައި އޮތްގޮތަށް ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ އެ ޓީމުގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ޓީމަށް އަންނަ ބަދަލުތައް އެ ބައްދަލުވުމުން އެނގިގެންދާނެ ކަމަށެވެ.
"އިލްޔާސް އިބްރާހިމަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ފުންނާބު އުސް އެއް ބޭފުޅާ. ރައީސް މައުމޫން ނަގާފައި ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި އެންމެ ވަރުގަދަ ހެވީވެއިޓް އިލްޔާސް އިބްރާހީމަކީ،" އުމަރު ނަސީރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސްކަން ކުރައްވައިފައިވާ އަދި މިހާރު އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ނައިބު ލީޑަރު ކަމާއި ޕާޓީގެ ރައީސްގެ ފަރާތުން ޕާޓީގެ ކައުންސިލަށް އައްޔަން ކުރާ މެންބަރުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިލްޔާސް އިބްރާހީމަކީ ރައްޔިތުންގެ ތާއީދު އޮތް ގާބިލް ބޭފުޅެއް ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގައި އިލްޔާސް އިބްރާހީމް، ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރެއްވުމަކީ އެ އިންތިހާބު އިތުރަށް ފޯރިގަދަވެގެންދާނެ ކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ޕާޓީގެ މެންބަރުން އިތުރުވެ ޕާޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިލްޔާސަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ކުރީގެ ދެ ނާއިބު ރައީސުން ވާހަކަ ދައްކާފައިވާ އިރު ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އިލްޔާސް އިބްރާހީމަކީ އެންމެ އާދައިގެ އެންމެ ނިކަމެތި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި މިހާރު ވެސް ދިވެހި ރައްޔިތުންގެ ސަޕޯޓް އިލްޔާސް އިބްރާހީމަށް އެބަ އޮތް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އުމަރުގެ ޓީމްގައި މަސައްކަތް ކުރައްވާ މާޒް ސަލީމް ވިދާޅުވީ ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ފޮނި ވާހަކަތަކެއް ދައްކަވަމުން ބައެއް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް އިލްޔާސް އިބްރާހީމަކީ ގައުމާއި ރައްޔިތުންނަށް އަމަލީ ގޮތުން ޚިދުމަތް ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި މީގެ ކުރީން ވެސް އިލްޔާސް ވާދަކުރެއްވި އިންތިޚާބުތައް އޭނާ ކާމިޔާބު ކުރައްވައިފައި ވަނީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.