ސިޔާސީ ހަތް ޕާޓީ އަކަށް ފައިސާ ނުދީ ހިފަހައްޓައިފި

އޮޑިޓް ރިޕޯޓް ހުށަނޭޅުވުމާއި ސިޔާސީ ހަރަކާތްތައް ހިންގަމުން ނުދާތީ ހަތް ސިޔާސީ ޕާޓީއަކަށް ފައިސާ ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓައިފި އެވެ.

ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް މިއަދު އިލެކްޝަން ކޮމިޝަނުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ހަތް ސިޔާސީ ޕާޓީއެއްގެ ފައިސާ ހިފަހައްޓާފައިވަނީ އިލެކްޝަނުން ގަބޫލުކުރާ މިންވަރަށް އޮޑިޓް ރިޕޯޓް ހުށައަޅާފައިނުމާއި އެ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާފައި ނުވާތީ ކަމަށެވެ.

"ހަތް ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން ކަނޑައަޅާ މިނަވަރަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވޭ. އަދި އެޕާޓީތަކުން ހަރަކާތްތަށް ނުހިންގާއިރު ޕާޓީތަކުގެ އޮފީސްވެސް ހުޅުވިފައި ނުހުންނާތީ، އަޅުގަނޑުމެން ހަތް ސިޔަސީ ޕާޓީއެއްގެ ފައިސާ މިވަނީ ފަިއސާ ހިފަހައްޓާފައި" އަލީ މުހައްމަދު މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓިތަކަށް ވައްދާކަމުގެ ޝަކުވާ ލިބުން އަނެއްކާވެސް އިތުރުވެފައިވާކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 16 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެތެރެއިން ހަރަކާތްތައް ހިންގަނީވެސް އަދި ތިންހާސް މެމްބަރުން ހަމަވަނީ ވެސް އެންމެ އަށް ސިޔާސީ ޕާޓީގައެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރު އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މެންބަރުންގެ އަދަދު އެންމެ ގިނަ ޕާޓީކަމަށްވާ އެމްޑީޕީ އެވެ. އެމްޑީޕީއަށް 3.6 މިލިއަން ރުފިޔާ ލިބެއެވެ.

ދެވަނައަށް މެންބަރުން ގިނަ ޕީޕީއެމްއަށް 1.98 މިލިއަން ރުފިޔާ ލިބޭއިރު ޑީއާރްޕީއަށް ލިބެނީ 1.9 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީޕާޓީއަށް 1.2 މިލިއަން ރުފިޔާ ލިބޭއިރު އަދާލަތުޕާޓީއަށް ލިބެނީ 794000ރ. އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއަށް 608000ރ ލިބޭއިރު އެމްޑީއޭ އަށް ލިބެނީ 624000ރ. އެވެ. އަދި ދިވެހި ގައުމީ ޕާޓީއަށް 529000ރ. ލިބޭއިރު އެމްއެންސީއަށް ލިބެނީ 478000ރ. އެވެ.

ފައިސާ ދޫކުރަން ނިންމާފައިވާ ޕާޓީތަކަށް ފައިސާ ދޫކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވީނަމަވެސް އަދި އެ ޕާޓީތަކަށް ފައިސާ ދޫކޮށްފައި ނުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު