އެޗްޑީއެފްސީގެ ހިޔާނާތްތައް ފެންމަތި ކުރި މެނޭޖަރަށް ވަޒީފާ އަނބުރާ ދޭން އަމުރުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ފައިނޭސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން ވަޒީފާއިން ވަކިކުރި އެތާނގެ އައިޓީ މެނޭޖަރު އިސްމާއިލް މަސްއޫދަށް ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންގެ އަމުރުގައި ބުނަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އިސްމާއިލް މަސްއޫދު ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާ ދިންއިރު އޭނާއާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފު އަމަލުތަކެއް ހިންގާފައިވާތީ ކަމަށް އެޗްޑީއެފްސީން ބުނިނަމަވެސް އެކަންކަން އެޗްޑީއެފްސީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ޓްރައިބިއުނަލްގެ އަމުރުގައި ބުނަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަަމަ ކޮށްފައިވާކަން ސާބިތުވާ މިންވަރަށް އެޗްޑީއެފްސީން ދަލީލު ހުށަހަޅާފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި ޝަރީއަތުގެ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ. އެހެންކަމުން ވަޒީފާ އާ ބެހޭ ގާނޫނާ ޚިލާފަށް އިސްމާއިލް މަސްއޫދު ވަޒީފާއިން ވަކިކޮށްފައި ވާތީ ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އޭނާއަށް ދިނުމަށާއި އެއްވެސްހާލެއްގައި އޭނާ އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލެވޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.

އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ 10 ދުވަހުގެ ތެރޭގައި އޭނާއަށް ދީ ހަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް މަސްއޫދު ވިދާޅުވީ ޓްރައިބިއުނަލްގެ އަމުރުން އެނގިގެން ދިޔައީ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާ މީހަކު ވަޒީފާއިން ވަކި ނުކުރެވޭނެ ކަން ކަމަށެވެ. އަދި އެޗްޑީއެފްސީއާ ގުޅޭގޮތުން އޭނާ ހުށަހަޅާފައި ވަނީ ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ކަމަށާއި އޭސީސީގެ ތަހުގީގު ނިމި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެކަމުގެ ހަގީގަތްތައް ހާމަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު