ބޮޑު ސިޔާސީ ހަރަކާތެއްގެ މަގުސަދެއް، އަމާޒެއްނެތް!

ގައުމީ ހަރަކާތުގެ ނަމުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ހަރަކާތްތަކަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ލާދީނީ ހަރަކާތްތަށް ހިންގަމުންދާކަމަށް ބުނެ އެކަމާ ދެކޮޅަށް އެ ހަރަކާތްތަށް ހުއްޓުވުމަށް ފެށި ހަރަކާތްތަކެކެވެ. އެގޮތުން އެހަރަކާތުގައި އޭރު އެމްޑީޕީ ފިޔަވާ ދެން ހުރި ބޮޑު ހުރިހާ ސިޔާސީ ޕާޓީތަކަކުން ވަނީ ބައިވެރިވެފަ އެވެ. ގައުމީ ހަރަކާތުން ހިންގަންފެށި ހަރަކާތްތަކަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހަލަބޮލިކޮށްލި ހަރަކާތްތަކެވެ.

ގައުމީ ހަރަކާތް ފެށިގެން އައިދުވަސްވަރު އެހަރަކާތުން އިންތިޒާމްކޮށްގެން ބޭއްވި "23 ޑިސެމްބަރު" ގެ ބޮޑު އެއްވުމަކީ އޭރުގެ ސަރުކާރު ސިއްސުވާލައި ހަރަކާތެކެވެ. އެ ހަރަކާތުން މެދުނުކެޑި 21 ރޭ ކުރި މުޒާހަރާތަކަށްފަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމަކީ ގައުމީ ހަރަކާތުގެ ނަން އަރައިގެންދިޔަ ކަމެކެވެ. އަދި ކާމިޔާބީގެ ބޮޅަށް އިތުރުކޮށްލެވޭ އަނެއްކަމަކީ އިންޑިއާގެ ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށް ކުރި މަސައްކަތްތަށް ކާމިޔާބުވުމެވެ. ގައުމީހަރަކާތުން ބުނަމުންދިޔައީ އެހަރަކާތަކީ "އިސްމާލްދީނަށް ޓަކައި، ދިވެހި ގައުމިއްޔަތަށްޓަކައި،" ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ހަރަކާތްތަކެއް ކަމަށެވެ. އެފަދަ މޭރުމަކުން ގައުމީހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ބަސް ހުރިނަމަވެސް މިހާރު ގައުމީ ހަރަކާތުގެ މިޝްރާބު ގޮސްފައިވާގޮތުން ގައުމީ ހަރަކާތުގެ އިހުލާސްތެރިކަމާމެދު ގިނަ ސުވާލުތަކެއް އުފެދެ އެވެ.

ވެރިކަން ލިބުމާއެކު ގުޅިފައިވާ ސަރުކާރުގެ ޕާޓިތަށް ހިމެނޭ ގައުމީހަރަކާތުގެ އެންމެ ބޮޑު އަމާޒަށް ވީ ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ހިންގުމަށް ދީފައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) އަތުލުމަށެވެ. އެއާޕޯޓް އަތުލުމަށް މަގުތަމަތީގަޔާއި ޕޯޑިއަމްތަކުގައި ފެށި ހޫނު ހަރަކާތްތަކާއި ވާހަކަތަކުން ސަރުކާރު އިއްތިހާދަށް ނިސްބަތްވާ އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޑީއާރްޕީއިން ވަނީ އެ ހަރަކާތުން ވަކިވެފައެވެ. ޑީއާރްޕީ އިން އޭރުބުނަމުންދިޔައީ ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން މަގުމަތިން ކަންތައްކުރުން އުޅުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ފިތުނަ އުފެދި ތަފާތު އެތައް ދެރަ ކަމެއް ކުރިމަތިވިވާނެ ކަމަށެވެ. އެއާޕޯޓް ޖީއެމްއާރުން އަތުލުމަށްފަހު ދެން ގައުމީ ހަރަކާތުގެ މިސްރާބުޖަހާފައިވަނީ ރައްޔިތުންގެ މަޖިލީހާ ދިމާލަށެވެ. އޭގެ ކުރިން ބޯޑާ ކޮންޓްރޯލް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނި ގައުމީ ހަރަކާތުގެ މިސްރާބު މަޖިލީހަށް ކުއްލިއަކަށް އަމާޒް ވުމުން ސިޔާސީ ފަރާތްތަކުން ސިފަކުރީ ގައުމީ ހަރަކާތަކީ ވަކިބައެއްގެ މަސްލަހަތަށް މަސައްކަތްކުރާ ބައެއްގެގޮތުގަ އެވެ.

ހަމައެއާއެކު ދެން އެންމެން ސިއްސައިގެންދިޔަ އެންމެ ބޮޑުކަމަކަށް ދިމާވީ ގައުމީ ހަރަކާތުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެއްދުމަށްފަހު ސަރުކާރު އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްއިން ވެސް ގައުމީ ހަރަކާތުން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަކިވުމެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ގައުމީ ހަރަކާތުގެ މިސްރާބު ވަނީ މިހާރު ބަދަލުވެފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ ގޮތަށް އެ ހަރަކާތްތަށް ކުރިއަށް ގެންދާ ނަމަ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފެދި ސަރުކާރު ބަލިކަށި ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިސް "އިސްލާހު ކުރުމަށް" މަސައްކަތް ކުރަން ޖެހޭނީ ވެސް ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖީއެމްއާރު އަތުން އެއާޕޯޓް ހޯދުމަށް ގައުމީ ހަރަކާތުން ކުރި މަސައްކަތްތައް އަޅުގަނޑުމެން ފާހަގަކުރަން. އަދި އެކަމަށް ޝުކުރު ވެސް އަދާކުރަން. އެކަމަކު ފަހަކަށް އައިސް އެ ހަރަކާތުގައި ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އަގުވައްޓާލަން ވާހަކަތައް ދައްކަމުން އެ ދަނީ. އަދި މި ޕާޓީގެ އަގުވައްޓާލުމަށް ވާހަކަތައް ދައްކާ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އިތުރުވަމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރަށް ނިސްބަތްވާ އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ބަސް އެގޮތަށް ހުރިއިރު ދެން އޮތް އެންމެ ބޮޑު ޕާޓީ ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވެސް ވިދާޅުވާގޮތުގައި "ރައްޔިތުންގެ މަޖިލިސް އަނބުރާ ރައްޔިތުންނަށް" ގެ ނަމުގައި ގައުމީ ހަރަކާތުން ކުރަނީ މާ ދެކޮޅުނުޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއިން ގައުމީ ހަރަކާތް ސިފަކޮށްފައިވަނީ "ޓެރަރިސްޓް ޖަމާއަތެއްގެ" ގޮތުގައި އަދި ގަދަބާރުން ކަންތަށްތަށްކުރަން އުޅޭ ބައެއްގެ ގޮތުގަ އެވެ.

ސަރުކާރަށް ނިސްބަތްވާ އަދި ގައުމީ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ބޮޑު ދެޕާޓީން ގައުމީ ހަރަކާތުގެ އިހުލާސްތެރިކަމެއްގައި ނޫންކަމަށް ބުނެ އެހަރަކާތުން ވަކިވެފައިވާއިރު ގައުމީ ހަރަކާތުގެ ތަރުޖަމާން އަބްދުﷲ މުހައްމަދު ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އަދި އެހަރަކާތުގެ ހަރަކާތްތަކަކީ ވަކި ފަރާތަކަށް ބަރޯސާވެގެން ކުރާކަމެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން އަބުދުﷲ ވިދާޅުވީ އެ ހަރަކާތުން މިހާތަނަށް ހިންގި ހުރިހާ ކަމެއްގައި ހަރަދުކޮށްފައި ވަނީ ވެސް ހެޔޮ އެދޭ ފަރާތްތަކުން އަމިއްލަ ފަރުދީ ހައިސިއްޔަތުން ކަމަށެވެ. އަދި ގައުމީ ހަރަކާތުގެ ހަރަކާތްތަށް މިހާރު މެދުކެޑިފައިވީނަމަވެސް ވަރަށް އަވަހަށް އެ ހަރަކާތުގެ މަސައްކަތްތަށް ފަށާނެ ކަމަށާއި އެ ހަރަކާތް ކުރިއަށްދާ އިރު މީހުން މަދުވާ ފަހަރާއި ގިނަ ފަހަރު އަންނާނެ ކަމަށެވެ.

ގައުމީ ހަރަކާތުގެ މައްސަލަތަކުގެގޮތުގައި ޕީޕީއެމްއިންވެސް އަދި ޑީއާރްޕީއިންވެސް އަދި އެމްޑީޕީއިންވެސް ފާހަގަކުރާ އެންމެބޮޑު އެއްކަމަކީ އިންޑިއާ އާއި ބޭރުގެ ސަފީރުންނާއި ބެހޭގޮތުން އެހަރަކާތުގެ ޕޯޑިއަމްތަކުގައި ދެއްކުނު ވާހަކަތަކާއި މަޖިލިސް މެމްބަރުންގެ ފަހަތުން ދުވުމާއި މަޖިލީހުގެ ތެރެއަށް ވަދެ ކަންކަން ކުރާނެކަމަށް ދިން އިންޒާރުތަކެވެ. އަދި އެހަރަކާތްތަކުގެ ސަބަބުން ރާއްޖެއާއި ބޭރުގެ ގައުމުތަކާމެދު ނުތަނަވަސްކަން އުފެދިފައިވާކަމަށްވެސް ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަނީ ތުހުމަތު ކޮށްފަ އެވެ. އެހަރަކާތުގެ މަގުސަދަކީ ވަކިބަޔެއްގެ މަސްލަހަތު އެކުލެވިފައިވާ ހަރަކާތެއްކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ހެއްކަކީ ބޯޑާކޮންޓުރޯލްސިސްޓަމްގެ ކޮރަޕްޝަންގެ މަސައްކަތްތައް ހުއްޓުވުމަށް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމެވެ. ޕްރެޝަރާހެދި ދޭތެރެދޭތެރެއިން އެވާހަކަ ދައްކާލިޔަސް އަމަލީގޮތުން ކުރިއެއްވެސް މަސައްކަތެއް ނެތޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

ނަމަވެސް ގައުމީ ހަރަކާތުގެ މެމްބަރުން އެކަމަކާ އެއްބަހެއް ނުވެ އެވެ. އެހަރަކާތުން ބުނަމުންދަނީ އެހަރަކާތުން ހިންގަމުންދާ ހަރަކާތްތަކަކީ ގާނޫނާއި އިސްލާމް ދީނުގެ ތަރަހާގެތެރެއިން ކަންކަން އިސްލާހުކުރުމަށްޓަކައި ހިންގަމުންދާ ހަރަކާތްތަކެއް ކަމަށެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވިގޮތުގައި އިންޑިއާއި ރާއްޖެއާ ދެމެދު އޮތް އެކުވެރި ގުޅުމުގައި ކޫރު އެޅިފައިވާ ނަމަ އެކަން ދިމާވީ "ރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ސަބަބުންނެވެ. އަދި ގައުމީ ހަރަކާތުގެ ފަރާތުން މަގުމައްޗަށް ނިކުމެ ހިންގި ހަރަކާތްތަކުގައި ހުރިހާ ބޭފުޅުން ވާހަކަ ދައްކަވަނީ އެއް ވަޒަނަކަށް އެއް ޖަޒުބާތެއްގައި ނޫން ކަމަށާއި އެވާހަކަތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ވާހަކަތައް ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ވާހަކަ ދައްކަމުން ދައްކަމުން ގޮސް އިންޑިއާ އާއި ރާއްޖެއާ ނުވަތަ ދެ ގައުމުގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ކަންތައް ދުއްވާލީމާ އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން ޖެހޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އެކަން އެގޮތަށް ކުރާކަށް ނުޖެހޭނެ. އެއާޕޯޓް އަތުލީ ހުރިހާ ޕާޓީތަކުން ސަރުކާރުގައި ދަންނަވައިގެން ސަރުކާރުން އެކަން ކުރައްވަން ނިންމެވުމުން. އެއީކީ ގައުމީ ހަރަކާތުން ސަރުކާރަށް ޕްރެޝަރުކޮށްގެން ނިންމި ކަމެއް ނޫން،" ޔާމިން ވިދާޅުވެފައިވެ އެވެ.

ގައުމީހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ފަރާތްތަކުން މަޑު މަޑުން އެ ހަރަކާތާ ދުރަށް ޖެހުމުން އެ ހަރަކާތްވެފައިވަނީ އަދާލަތު ޕާޓީގެ މިލްކަކަށެވެ. ގައުމީ ހަރަކާތަކީ ގައުމުދެކެ ލޯބިވާ އަދި ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރާ ހަރަކާތަކަށް ހަނދަން ބޭނުން ނަމަ ތަހުޒީބީ ވިސްނުމަކުން ސިޔާސީ ހަރަކާތްތައް ހިންގަންޖެހެ އެވެ. ނޫންނަމަ ގައުމަށް އެކަމުން ވާނީ ގެއްލުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް