މެއިޑް ދަންޖެހުނީ އަންހެނުންނާ އެކު ގެއިން ބޭރުގައި އުޅެނިކޮށް: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިރުއުޅުއްވާ، މ. ޗާންދަނީގޭ ގައި ގެންގުޅުނު ބިދޭސީ އަންހެން މީހާ ދަންޖެހި މަރުވީ އަނބިކަނބަލުންނާ އެކު ގެއިން ބޭރުގައި އުޅުއްވަނިކޮށް ކަމަށް މިނިސްޓަރު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ގޭގައި ހައުސްމެއިޑަކަށް ގެންގުޅުނު ބިދޭސީ އަންހެންމީހާ ދަންޖެހުނު އެ ހާދިސާ ވެގެންދިޔައީ އެއާއިލާ އަށް ތަހަންމަލުކުރަން ދަތި އަދި އެކަމުގެ ސަބަބުން ފުންހިތާމައާއި ޝޮކެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ހުޅުމާލޭގައި އަންހެނުންނާ އެކު އުޅެނިކޮށް އެ ޚަބަރު ލިބުމާ އެކު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ގުޅުއްވައި ވަގުތުން އެ މައުލޫމާތު ދެއްވި ކަމަށާއި އޭނާ ގެއަށް ވަޑައިގެންނެވި އިރު ފުލުހުންގެ ތަހުގީގު ޓީމް ގޭގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އޭގެ ތަފްސީލުތައް ފުލުހުންގެ ތަހުގީގުން އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނުބަލައި ހަގީގަތާ ޚިލާފަށް ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"..... އަޅުގަނޑަށް އެޕާޓްމަންޓަށް އާދެވުނު އިރު ފުލުހުންގެ ކަމާ ބެހޭ އެންމެ ސީނިއާ ބޭފުޅުން ހިމެނޭ ޓީމެއް އައިސް އެ ބޭފުޅުންގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ. މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު އޭގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ޕޮލިހުން ގެންދިޔަ އެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާދިސާގެ ތަފްސީލު ފުލުހުންގެ ތަހުގީގު ޓީމުން ހާމަވެގެންދާނޭ ކަމުގައި އުންމީދު ކުރަމެވެ،"ޑރ. މުއިއްޒުގެ ބަޔާނުގައިވެ އެވެ.

މިނިސްޓަރު ޑރ. މުއިއްޒުގެ ގޭގައި ހައުސްމެއިޑަކަށް ގެންގުޅުނު ބިދޭސީ އަންހެން މީހާ ދަންޖެހިފައި އޮއްވައި ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:26 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލުތައް ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު