އަބްދުﷲ ގާޒީއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފި އެވެ.

ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޖޭއެސްސީގެ ފަރާތުން އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ކުރީކޮޅު ކަމަށާއި ނަމަވެސް އަދި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި ނިންމުމާއި އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ޖުލައި 16، 2009 ވަނަ ދުވަހުގެ ރޭ 8:00 ޖެހީއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުމުގައި، ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ރިއާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެއިން އެއްވެސް ބަޔާނަކުން ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ އިބާރާތް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އެނގެން ނެތްކަމަށެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމިއިރު އޭނާއަށް ދިފާއުގައި ކަންކަން ހުށަހަޅައި މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު