ސިޓީ ކައުންސިލްގެ ސަބަބުން މާލޭގެ ބައެއް ތަންތަނަށް ކަރަންޓް ދެވޭކަށް ނެތް: ސްޓެލްކޯ

މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯ އަށް ދެމުންގެންދާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާތީ މާލެއަށް ފޯރުކޮށްދެމުން އަންނަ ކަރަންޓްގެ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ބައެއް ތަންތަނަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ކޭބަލް ވަޅުލާން ޖެހޭތީ މަގުމަތި ކޮންނަން ޖެހޭ އިރު އެކަން ކުރެވެން އޮންނަނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ވިދާޅުވީ ކޭބަލް ވަޅުލުމަށް މަގު ކޮނުން ފަދަ ޚިދުމަތްތައް ސްޓެލްކޯ އަށް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް މިދޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން އަންގާފައި ވާތީ މަގު ކޮނެގެން ކަރަންޓް ދޭންޖެހޭ ތަންތަނަށް ކަރަންޓް ދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"މި ކުންފުނިން މާލޭގެ ރައްޔިތުންނަށް ފޮރުކޮށްދޭ ޚިދުމަތްތަކަކީ އެޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންނަށް މުނިސިޕަލް ސާވިސް އެއިރަކު ދެއްވާ ފަރާތެއްގެ އެއްބާރުލުމާއި އެހީތެރިކަން ނެތި ދެވޭނެ ޚިދުމަތަކަށް ނުވަތީ، މިވަގުތު މާލޭ ސިޓީ ކައުންސިލުން ދެއްވާ ޚިދުމަތްތައް ދިނުން ހުއްޓާލެއްވުމުން މާލޭގެ ރައްޔިތުންނަށް މިކުންފުނިން ފޯރުުކޮށްދޭ ބައެއް ޚިދުމަތްތައް ވަނީ ހުއްޓިފައި. ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކުރަމުންގެންދެވޭ މަސައްކަތްތަކުގެ ތެރޭގައި މަގުކޮނުމާއި ކޭބަލް ވަޅުލުމާއި އަދި މަގުބަންދުކޮށްގެން ކުރަން ޖެހޭ މަސައްކަތްތައް ހިމެނޭ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގު ކޮނުން ފަދަ ޚިދުމަތްތައް ސްޓެެލްކޯ އަށް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބިންތައް ސަރުކާރަށް ނެގުމާ ގުޅިގެން، އެ ބިންތަކަަށް ކަރަންޓް ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައި އޮންނަ އުސޫލަށް ސްޓެލްކޯ އިން އަމަލު ކުރަމުން ގެންދާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ މަޝްވަރާކޮށް އެކަން ހައްލު ކުރުމަށް ވަރަށް ތަފްސީލުކޮށް ވާހަކަ ދެކެވިފައިވާ ކަމަށާއި ނަމަވެސް އެކަން ހައްލު ކުރެވޭ ގޮތެއް ނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސްޓެލްކޯ އިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މެެދުވެރިއެއްގެ ދައުރު އަދާކުރާ އެއްވެސް ފަރާތަކުން އެ ކުންފުނީގެ ޚިދުމަތް ހުއްޓުވައި ޚިދުމަތަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އިންޖިނިއަރު އިބްރާހިމް ނާޝިދު ވިދާޅުވީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10 ނޫނީ 12 ވަރަކަށް ތަންތަނުން ކަރަންޓްގެ ޚިދުމަތަށް އެދެމުންދާ އިރު ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހު 16 ތަނަކަށް ކަރަންޓް ނުދެވި ހުއްޓިފައި އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހަމައެކަނި ކަރަންޓް ދެމުން ގެންދަނީ ގޭގެތެރޭގައި ހުންނަ ޕެނަލްބޮޑާއި ޑިސްޓްރިބިއުޓް ފޮށި މެދުވެރިކޮށް ކަރަންޓް ދެވޭ ތަންތަނަށް އެކަނި ކަމަށާއި މަގުމަތިން ކޭބަލް އަޅައިގެން ކަރަންޓް ދޭން ޖެހޭ ތަންތަނަށް ކަރަންޓްގެ ޚިދުމަތް ދިނުން ހުއްޓިފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ތިން ހަތަރު ވަރަކަށް ދުވަހު ޕެންޑްވެފައި އެބައޮތް 15، 16 ވަރަކަށް ތަނަށް ކަރަންޓް ނުދެވި. ކޮންމެ ކޮންމެ ތަނަކީ މަގުމަތި ކޮނެގެން ކަރަންޓް ދޭން ޖެހޭ ތަންތަން ކަމަށް ނުވާތީ، ބައެއް ތަންތަނަކީ ގޭތެރޭގައި ހުންނަ ޕެނަލް ބޯޓު، ޑިސްޓްރިބިއުޓް ފޮށިން ކަރަންޓް ދޭން ޖެހޭ ތަންތަން. އެކަހަލަ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެކަމަކު މަގުމަތިން ކޭބަލް އަޅައިގެން ކަމަށް ވަންޏާ އެކަމެއް މިހާރު ޕެންޑުވެފައި އޮތީ،" ނާޝިދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު