ސްކޫލް ޑިޖިޓަލް ކުރަން ވިލިފުށީ ރައްޔިތުން މަހަށް

ތ. ވިލުފުށީ ސްކޫލް ޑިޖިޓަލް ސްކޫލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މަހަށް ގޮސް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލިފުށީ ސްކޫލުން ބުނެފި އެވެ.

ވިލިފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު މިއަދު ވިދާޅުވީ ކްލާސް ރޫމްތައް ޑިޖިޓަލް ކުރުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ފަށާފައިވާ ހަރަކާތްތަކުގެ ތެރެއިން އެ މަސައްކަތަށް ބޭނުންވާނެ ކަމަށް އަންދާޒާ ކޮށްފައިވާ 860000 ރުފިޔާ ހޯދުމަށް ޓަކައި ތިން މަސް ދުވަހުގެ ފަންޑްރައިސިން ޕްރޮގުރާމެއް މިހާރު ފަށަފައިވާ ކަމަށެވެ. އެ ގޮތުން ފައިސާ ހޯދުމުގެ ގޮތުން އެ ރަށު މަސްވެރިން ފާނަ އަށް ގޮސް 160255ރ. މިހާތަނަށް ހޯދައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިސެމްބަރު އެއް ވަނަ ދުވަހު މަސްވެރިން ފެށި ދަތުރު ނިންމައިލީ ޑިސެމްބަރު ތިން ވަނަ ދުވަހު. އެ ތިން ދުވަހުގެ މަސައްކަތުން ރަށުގެ މަސްވެރިން ވަނީ ވިލުފުށީ ސްކޫލަށް 160255 ހަދިޔާ ކޮށްފައި،" ނާހިދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފަންޑް ހޯދުމަށް ވިލުފުށީ ސްކޫލްގެ ފަރާތުން ވިލުފުށީ ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ޓީޗާސް ރިސޯސްސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ މާލީއެހީގެ ގޮތުގައި100069 ރުފިޔާ ވިލުފުށީ ކައުންސިލްގެ އިދާރާ އިން މިހާރު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގައި ހުރި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައިގެ ތިން ދުވަހުގެ އުޖޫރަ އެ ޕްރޮގުރާމަށް ހަދިޔާކުރުމަށް ހުރިހާ މުއައްޒިފުން ވެސް ނިންމާފައިވާ ކަމަށެވެ.

ނާހިދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ޒަމާނީ ސްކޫލެއްގެ ގޮތުގައި ވިލުފުށީ ސުކޫލް ތަރައްގީ ކުރުމަށް ޓަކައި އެ ސްކޫލުން ޑިޒައިންކޮށް ވިލުފުށީ ކައުންސިލަށް ހުށަހަޅައިފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، ފަށައިގަނެގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި އެ ޕްރޮޖެކްޓުގެ އަމާޒަކީ ވިލުފުށީ ސުކޫލްގެ ހުރިހާ ކުލާސްރޫމްތަކެއް މަލްޓި މީޑިއާ ބޭނުންކޮށްގެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދޭން ފެއްޓުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު