ކޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުން އޮތީ ސުވާލުމާކެއްގެ ތެރޭގައި: އަބްދުﷲ ގާޒީ

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ދަންނަވައި ތަފާތު މަސައްކަތްތަކެއް ކުރިނަމަވެސް "އެކަން އޮތީ ސުވާލުމާކެއްގެ ތެރޭގައި" ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ގާޒީ ވިދާޅުވީ އެ ކޯޓު މިހާރު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގްގެ ދެވަނަ ފަންގިފިލާ އަކީ ޖިނާއީ މައްސަލަތައް ބެލުމަށް އެކަށީގެންވާ ގޮތަށް ތައްޔާރު ކުރެވެވިފައިވާ ތަނެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މައްސަލަތައް ސާބިތު ނުވާ ވާހަކަ އާއި ހެކީންގެ ހެކިބަސް ގެއްލިގެން ދިޔުމުގެ ވާހަކައަކީ އެ ކޯޓަށް އަބަދުވެސް ކުރިމަތިވަމުން އަންނަ ޝަކުވާއެއް ކަމަށާއި އެކަން ހައްލު ކުރެވެން އޮތީ ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީގެން ކަމަށެވެ.

"ކޯޓަށް ހުށަހެޅޭ މައްސަލަތައް ބޮޑުވެ ދައުވާ ލިބޭ މީހުންގެ އަދަދު ގިނަވެ ކޯޓަށް މިއަދު 87 މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ލިބޭ މައްސަލަތައް ހުށަހެޅި ހިނގަމުންދޭ. މި ކޯޓަށް މި 87 މީހުންނާއި އެ މީހުންގެ ވަކީލުންނާއި ހެކިވެރިންނާ މައްސަލަ އަޑުއަހާ މީހުންނާއި ދައުލަތުގެ މިޑިއާ އާ އަމިއްލަ މީޑިއާތައް ވަދެ މައްސަލަތައް ހިނގާތަނުގައި ތިބެންޖެހޭ ތަނަކީ އަޅުގަނޑުމެން މިވަގުތު މިތާ ތިބިތަން. [ޖަސްޓިސް ބިލްޑިންގްގެ ދެވަނަ ފަންގިފިލާ] މިއީ މިކޯޓަށް އޮތް އެންމެ ބޮޑު ޖާގަ. މިތަނުގެ ތެރޭގައި މުވައްޒަފުންގެ ދެބައިކުޅަ އެއްބައި ހާޒިރު ނުވާއިރު ވެސް އަޅުގަނޑުމެންނަށް ތިބެވޭނެ ޖާގައެއް ނެތް. މިހިސާބުން ފެށިގެން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ ޖިނާއީ މައްސަލަތައް ބެލުމަށް މިއަދުގެ ކްރިމިނަލް ކޯޓުގެ ހާލަތަކީ އެކަށީގެންވާ ހާލަތެއް ނޫންކަން. ޖުޑީޝަރީގެ އިސް ވެރިން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސް ހައްލުކޮށްދިނުމަކީ އެބޭފުޅުންގެ މައްޗަށް އޮތް ކަމެއް ކަމަށް ދަންނަވަން،" އަބްދުﷲ ގާޒީ ވިދާާޅުވި އެވެ.

ކްރިމިނަލް ކޯޓަށް ގާޒީންގެ ދަތިކަން ތަހަންމަލް ކުރަން ޖެހިފައިވާ ކަމަށާއި 1997 ވަނަ އަހަރު އެ ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ކޯޓުގައި މަސައްކަތް ކުރަނީ ޖުމްލަ ހަ ގާޒީން ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ 2010 ވަނަ އަހަރު ނިމުނު އިރު 1765 މައްސަލަ އެ ކޯޓުގައި ނުނިމި ހުރި އިރު މިދިޔަ އަހަރު 1462 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު 1035 މައްސަލަ ނިމިފައިވާއިރު 2192 މައްސަލަ މިދިޔަ އަހަރު ނިމުނުއިރު ނުނިމި ހުރި ކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަލަށް އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ފުލުހުންގެ މަސައްކަތްތައް ކުރެވެން އޮންނަނީ ކޯޓުގެ އެހީތެރިކަމާ އެކުކަން ފާހަގަ ކުރައްވަމުން އިސް ގާޒީ ވިދާޅުވީ ތަފާތު އެކި އެކި ކުށްތަކަށް ތުހުމަތު ކުރެވޭ 10416 މީހުން ފާއިތުވި އަހަރު ކޯޓަށް ހާޒިރުކުރެވުނު އިރު އޭގެ ތެރެއިން 8271 މީހުން ފިޔަވައި އެހެން އެންމެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ދީފައިވާ ކަމަށެވެ. އަދި ތަފާތު އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްދިނުމުގެ އަމުރެއް ނެރުމަށް 884 މީހެއްގެ މައްސަލަ ފުލުހުންގެ ފަރާތުން މިދިޔަ އަހަރު ކޯޓަށް ހުށަހެޅި ކަމަށާއި އޭގެތެރެއިން 871 އަމުރު ނެރެދީފައިވާއިރު 13 މީހަކު ހައްޔަރު ކުރަން ނުފެންނަކަމަށް ކޯޓުން ނިންމާފައިވާކަމަށް ވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ ރާއްޖޭގެ އެހެން ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގާޒީންނާ އަޅާބަލާއިރު ކްރިމިނަލް ކޯޓުގެ ގާޒީންނާ މުވައްޒަފުންނަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާއިރު ކޯޓުގެ މުވައްޒަފުންނަށް ރިސްކްއެލަވަންސް ހަމަޖެއްސޭތޯ ކަމާ ބެހޭ ފަރާތްތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރެވިފައި ވީނަމަވެސް މިއަދާ ހަމައަށް ވެސް ރިސްކްއެލަވެންސް ހަމަޖެހިފަައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު