16 އަހަރު ވީއިރުވެސް ގައްދޫން ގޯތި ދޫނުކުރާތީ ރައްޔިތުން ރަތަށް!

ގދ. ގައްދޫ ރައްޔިތުންނަށް އެ ރަށުން ގޯތި ދޫނުކުރާތާ 16 އަހަރުވީއިރު ވެސް، ގޯތި ދޫނުކޮށް މަޑުޖައްސަމުންދާތީ އެ ރަށުގެ ރައްޔިތުންތަކެއް އެކަމާދެ ހިންހަމަނުޖެހިގެން އިހްތިޖާޖްކޮށްފިއެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޝާން މިއަދު ވިދާޅުވީ ބިންދޫކުރުން ލަސްވުމާ ގުޅިގެން އެ ރަށުން ބަޔަކު ނުކުމެ އިއްޔެ އިހްތިޖާޖްކޮށްފައިވާ ކަމަށާއި އެގޮތުން އެ މީހުން އަމިއްލައަށް ގޯތީގެ މިންވަކިކޮށް ހަދާފައިވާ ކަމަށެވެ.

"އެބޭފުޅުން އިއްޔެ ހެނދުނު އިހްތިޖާޖެއްކޮށްފައި ވަނީ އެގޮތުން އިންވަކިކޮށްފައި އެބަހުރި، ނަމަވެސް އިތުރު ހަރަކާތަތަކެއް ނުހިނގާ، ކައުންސިލުން އެކަމަކާ ފިޔަވަޅެއް ނާޅާނެ،" ރިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިހްތިޖާޖްކުރި ފަރާތަކުން ހިންހަމަނުޖެހިގެން އުޅެނީ ދެ ކަމަކަށް ކަމަށާއި އެއީ ބިން ދޫކުރުން ލަސްވުމާއެކު މިހާރު ބިމަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތަށް ކެންސަލްކުރުމުން ކަމަށެވެ. އަދި ފޯމްތަށް ކެންސަލް ކުރަން ޖެހުނީ އެ ފޯމްތަކަށް މާކުސް ދިނުމުގައި ގަވައިދާ ހިލާފް ކަންތައްތަކެއް ހިމެނޭކަމަށް އަތޮޅު ކައުންސިލުން ލަފާދެއްވުމުން ކަމަށާއި އެކަންތައްތައް ރަނގަޅުކޮށް އަލުން އިއުލާންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޝާން ވިދާޅުވި އެވެ.

ރިޝާން ވިދާޅުވީ މިއަންނަ އަހަރުގެ ކުރީކޮޅުގައި ބިންތަށް ދޫކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ކުރިން 90 ބިން ދޫކުރަން ނިންމާފައިވީ ނަމަވެސް މިހާރު 130 ބިން ދޫކުރާގޮތަށް ނިންމާ އެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ގައްދޫގެ އާބާދީގައި 2899 މީހުންތިބޭއިރު އެރަށުން އެންމެ ފަހުން ގޯތިދޫކޮށްފައި ވަނީ 1996 ވަނަ އަހަރުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު