ކުރީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްގޮތަކަށް ވެސް އޮފީހަށް ހާޒިރުވެ ވަޑައިނުގެން އޭނާ އަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ދީފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ 2011 ވަނަ އަހަރަށް އޮޑިޓް ކުރެއްވުމަށް އޮޑިޓާ ޖެނެރަލް މިއަދު އާންމުކުރެއްވި ރިޕޯޓްގައި ވާގޮތުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު ކަމަށް ކުރީގެ ރައީސް އަށްޔަންކުރައްވާފައިވާ ބޭފުޅަކު އެމިނިސްޓްރީގެ އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ހާޒިރު ނުވާ އިރު 2011 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2012 ވަނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް މަސައްކަތްކުރިކަން އެނގެން ނެތި މިނިސްޓްރީގެ ބަޖެޓުން 343351.67ރ. މުސާރަ އާއި އެލަވަންސްގެ ގޮތުގައި ދީފައިވެ އެވެ.
އެ މައްސަލާއިގައި އަމަލުކުރެއްވުމަށް އޮޑިޓާ ޖެނެރަލް ލަފާ އަރުއްވާފައި ވަނީ ރައީސްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުން އޮފީހަށް ހާސިރުވުމާއި ބެހޭގޮތުން އެދުވަސްވަރު ވަކި ގަވާއިދެއް ދައުލަތުން އެކުލަވާލަފައި ނުވި ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ރޫހަށް ބަލާ ދައުލަތަށް ނުލިބޭ އެއްޗަކަށް ނުވަތަ ނުލިބޭ ހިދުމަތަކަށް ދައުލަތުން ހަރަދުކުރެވޭނެ ކަމަށް ނުފެންނާތީ އެ ފައިސާ އެ ފަރާތްތަކުގެ އަތުން ހޯދާ ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ޖަމާކުރަން ފެންނަ ކަމަށެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން 2010 ވަނަ އަހަރުން ފެށިގެން މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ހިސާބު ތައްޔާރުކުރައްވާއިރު ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަށް އިތުރު ގަޑީ ފައިސާގެ ހިސާބު ތައްޔާރު ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސިވިލްސާވިސްގެ ސާކިއުލާ ނަންބަރު 2009/03 ގައި ބަޔާންކޮށްފައިވާ ގޮތުން އިތުރު ގަޑީގެ ފައިސާ ދޭނީ މަސްދުވަހުގެ މުސާރަ 30 އިން ގެއްލީމާ ލިބޭ އަދަދު އަށަކުން ގެއްލީމާ އަންނަ އަދަދު އެއީ ގަޑިއަކަށް ޖެހޭ ވަރު ކަމަށް ބަލައިގެން ކަމަށް ބުނެފައިވާއިރު އެބޯޑުން މުސާރަ ދީފައި ވަނީ އެސާކިއުލާއާ ހިލާފަށް މަސް ދުވަހުގެ މުސާރަ 22 އިން ގެއްލީމާ ލިބޭ އަދަދު ހަތަކުން ގެއްލީމާ އަންނަ އަދަދު އެއީ ގަޑިއަކަށް ޖެހޭ ވަރު ކަމުގައި ބަލައިގެން ކަމަށެވެ.
އަދި އެމައްސަލާގައި އޮޑިޓާ ޖެނެރަލަށް ދީފައިވާ ލަފާގައި ބުނެފައި ވަނީ ދައުލަތުގެ މާއްލިއްޔަތު ގަވާއިދުގެ 4.20 ގެ "ހ" ގައިވާ ގޮތުގެ މަތިން އިތުރަށް ދެއްވާފައިވާ އިތުރުގަޑީގެ ފައިސާ އެކަމުގައި ޒިންމާވާ ނުވަތަ ފައިސާ ލިބުނު ފަރާތުން ހޯއްދަވައި އަނބުރާ ދައުލަތުގެ އާމްދަނީއަށް ޖަމާކުރެއްވުން އެދޭ ކަމަށެވެ.
އެރިޕޯޓްގައިވާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ރިޕޯޓްތަކަށް ބަލާއިރު އެއްބަސްވުމެއް ނެތި ހިދުމަތް ހޯދެއްވުމާއި ބަޖެޓުން ކުރައްވަން ނުޖެހޭ ހަރަދު ކުރެއްވިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު "އަ ވަންޑޭ ކްރިއޭޓިވް ރައިޓިން"ގެ ނަމުގައި ބޭއްވެވި ވޯކްޝޮޕްގައި ކިޔަވައިދެއްވަން ހަމަޖެއްސެވި ލެކްޗަރާ އާއި އޭނާގެ އާއިލާގެ ދެބޭފުޅުނަށް ޓިކެޓް ނެންގެވުމަށް 24753ރ. ހަރަދު ކުރައްވާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެބޭފުޅުންނާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސްއާ ދެމެދު އެއްބަސްވުމެއް ހަދާވާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ވޯކްޝޮޕާއިބެހޭ އިތުރު އެއްވެސް ލިޔެކިއުމެއް ފެންނަން ނެތުމާއި އެ ހިދުމަތް ލިބުނުކަން ޔަގީން ކުރެވެން ނެތްތަކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ގަވައިދާ ހިލާފަށް ކެއުމާއި ސަޔަށް ހަރަދުކުރުމާއި ހަރުމުދަލުގެ ރަޖިސްޓްރީ އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައިނުވުން ފާހަގަކޮށްފައިވެ އެވެ.
އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީގެ އެހެނިހެން އޮފީސްތަކުން ލިބިފައިވާ މުދަލުގެ ލިޔެކިއުން ބަލަހައްޓަވާފައި ނުވުމާއި ދައުލަތުގެ މުދާ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ބަލަހައްޓާފަނުވުން ހިމެނެ އެވެ. އަދި މީގެ އިތުރުން ޓޫރިޒަމާ ބެހޭ ގާނޫނާއި ހިލާފަށް ޓޫރިސްޓް ހޮޓާ އަދި ގެސްޓް ހައުސްތައް ހިންގެވުމަށް ހުއްދަ ދިނުން ހިމެނެ އެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް ހުށައަޅުއްވާފައި ނުވުމާއި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ 2011 ވަނަ އަހަރުގެ ލިޔެކިއުން އޮޑިޓް ކުރުމަށް ލިބިފައިނުވުން ފާހަގަކޮށްފައިވެ އެވެ. އަދި އޮޑިޓާ ޖެނެރަލްވަނީ ގަވާއިދުގައިވާ ގޮތުގެމަތިން އެކަންތައްތައް ރަނގަޅު ކުރުމަށް އަންގާފަ އެވެ.
އެއޮޑިޓް ރިޕޯޓްގައި 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ މެދު އިސްލާހީ ފިޔަވަޅު އަޅުއްވާފައި މިންވަރަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރީގެ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑްގެ ތިޖޫރިން ފައިސާ މަދުވެފައިވާ މައްސަލަ އަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު ގެއްލިފައިވާ ޗެކުތައް އަލުން ހޯދޭތޯ ބެލުމަށް އެ ޗެކްތައް ދޫކުރި ފަރާތްތަކާއި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އާމްދަނީން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަނަށް ހުށައަޅަފައިވެ އެވެ.