ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ވަގުތީ އިއްތިހާދު އިފްތިތާހްކޮށްފި އެވެ.
އެ އިއްތިހާދުން މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ އިއްތިހާދުގެ ވަގުތީ ޗެއާޕާސަން އިބްރާހިމް ހަލީލް ވިދާޅުވީ އެ އިއްތިހާދަކީ އިންޓަނޭޝަނަލް ލޭބާ އޮގްނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީއާ އެކު ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އުފައްދާފައިވާ އިއްތިހާދެއް ކަމަށެވެ.
"ގައުމެއްގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކީ ނުވަތަ ކުންފުނީގެ މެނޭޖްމަންޓް ބަދަލުވާ ކޮންމެ ފަހަރަކީ އެއަކީއެއް ވަޒީފާ އަދާކުރާމީހާގެ ވަޒީފާ ގެއްލެން ޖެހޭ ސަބަބެއް ކަމަށް އަޅުގަނޑުމެން ނުދެކެން އެފަދަ ކަންކަންމުން ލިބޭ ގެއްލުމުގެ ބަދަލުގައި ވަޒީފާ އަދާކުރާފަރާތަށް ހައްގުތަށްލިބިދޭން އެބަޖެހޭ،" ހަލީލް ވިދާޅުވި އެވެ.
އެ އިއްތިހާދުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައި ހަލީލް ވިދާޅުވީ މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއޭ) އިން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވޯކާސް އެސޯސިއޭޝަނުން ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެކަން ހައްލުކުރުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ އިއްތިހާދުގައި ޓޫރިޒަމް އެމްޕްލޯޔާސް އެސޯސިއޭޝަން އޮފް މޯލްޑިވުސް(ޓީމް) ތަމްސީފްކުރާ މައުރޫފް ޒާކިރު ވިދާޅުވީ އެ އިއްތިހާދުގެ މަސައްކަތަކަށް ވެގެންދާނީ މަސައްކަތްތަކެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުން ކަމަށެވެ. އޭގެ ތެރޭގައި އައިއެލްއޯގެ އަސާސީ އަށް މުއާހަދާ ތަސްދީގްކުރުމަށް ބާރުއެޅުމުގެ ގޮތުން ކެމްޕެއިންކުރުމާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރާ ޖަމިއްޔާތަކުގެ ގުޅުންތައް ބަދަހިކުރުމާއި މަސައްކަތްތެރިން ބާރުވެރިކުރުމަށް ޓަކައި ތަމްރީންނުތައް ދިނުން ހިމެނޭ ކަމަށެވެ.
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެގުލަވާލާފައިވާ އިއްތިހާދުގައި ހިމެނެނީ ޓޫރިޒަމް އެމްޕުލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޯސްޓް ވޯކާސް ޔޫނިއަންގެ އިތުރުން ފިޝަމޭން ޔޫނިއަން އާއި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވުސް އެވެ. އަދި މޯލްޑިވްސް ލޭބާ ޔޫނިއަންއާއި ނާސެސް އެސޯސިއޭޝަން އޮފް މޯލްޑިވުސް ހިމެނެ އެވެ.