ފުލުހަކަށް ހަމަލާދިނުމުގެ ކުށުގައި 5000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު ހަތަރު މަހަށް ޖަލަށް ލުމަށް ތ. އަތޮޅު ކައުންސިލް މެންބަރު މައުމޫން ސުލައިމާންގެ މައްޗަށް ހުކުމް ކޮށްފައި ވާތީ އޭނާއާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށް ތ. އަތޮޅު ކައުންސިލުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.
ތ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ހުސެއިން އަހުމަދު މިއަދު ވިދާޅުވީ ވިލުފުށީ ދާއިރާގެ އެމްޑީޕީ ކައުންސިލަރު މައުމޫން ސުލައިމާންގެ މައްޗަށް ހުކުމް ކުރެއްވި ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައި ވަނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ. އަދި ވިދާޅުވީ ރަސްމީ އެއްވެސް ސިފައެއްގައި އެ މައުލޫމާތު ކައުންސިލަށް ލިބިފައި ނުވާކަމަށާއި ކައުންސިލަރަށް ހުކުމް ކުރެއްވި ކަމަށް މީޑިއާގައިވާ ވާހަކަތައް ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅައިދިނުމަށް އެ ކައުންސިލުން މިއަދު އެލްޖީއޭ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ވިލުފުށީ ދާއިރާގެ ކައުންސިލް މެންބަރުގެ މައްޗަށް ކޯޓުން ހުކުމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު މީޑިއާގެ ޒަރިއްޔާ އިން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންވީމާ އެކަން ބަލައި އެއީ ތެދު މައުލޫމާތެއް ކަމަށްވާ ނަމަ އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް އެދި އެލްޖީއޭ އަށް އަޅުގަނޑުމެން މިއަދު ހުށަހެޅީ،" ހުސެއިން ވިދާޅުވި އެވެ.
މައުމޫން ސުލައިމާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގް ކައިރީގައި އަމަން ބެލެހެއްޓުމަށް ތިބި ފުލުހުންގެ ތެރެއިން ފުލުހެއްގެ މޫނުމަތީގައި އޭނާ ޖަހާފައި ވާތީ އެވެ.
ހުކުމް ކުރުމަށް ފަހު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ޑީޕީއާރްއެސްއާ ހަވާލުކޮށްފަ އެވެ.