ނަރުދަމާ ގާއިމް ކޮށްދިނުމަށް އެދި ބިލެތްދޫ ރައްޔިތުން ޕެޓިޝަނެއް ހުށަހަޅައިފި

ފ. ބިލެތްދޫގައި އެކަށީގެންވާ ވަރަށް ނަރުދަމާގެ ނިޒާމެއް ގާއިމްވެފައި ނުވާތީ ރަށުގެ ފެން ނަޖިސްވެ ސިއްހީ މައްސަލަތައް ކުރިމަތިވާތީ އެކަން ހައްލުކޮށްދިނުމަށް އެ ރަށު ރައްޔިތުންގެ ބަޔަކު ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ބިލެތްދޫގެ 258 މީހަކު ސޮއިކޮށް އެންވާރުމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެ ޕެޓިޝަންގައި ބުނެފައި ވަނީ އެ ރަށަކީ އާބާދީގެ ގޮތުން މުޅި އަތޮޅުން ވެސް ދެ ވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށަށްވާ އިރު ގޯތީގައި ސެޕްޓިކް ޓޭންކް ބަހައްޓައިގެން އެ ރަށު މީހުން ފާޚާނާގެ ނިޒާމް ބޭނުން ކުރަމުން އަންނަތާ 18 އަހަރު ވެފައިވާ ކަމަށެވެ.

އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް އެރަށުގައި ގާއިމް ކުރުމަށް އެދި 2008 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި އެރަށު ރައްޔިތުންގެ ފަރާތުން ސަރުކާރަށް އެކަން ހުށަހެޅުމުން 2009 ވަނަ އަހަރުން އުންމީދީ ޖަވާބެއް ސަރުކާރުން ދިން ނަމަވެސް އަދި ވެސް އެކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

އެ ޕެޓިޝަންގައި ބުނަނީ މިއަހަރުގެ ބަޖެޓް ފާސްކުރި އިރު 60 ރަށުގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކަނޑައަޅާފައިވާ އިރު އެ ރަށަކީ ވެސް އެލިސްޓްގައި ހިމެނޭ ރަށެއްކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ އިރު މި އަހަރު ނިމުމަކާ ހަޔަށް އަންނައިރު ވެސް އެކަން ކުރެވެމުން ނުދާކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު