ދ. ބަނޑިދު އަށް ކަރަންޓް ދޭން ބޭނުން ކުރަމުން އަންނަ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ބަނޑިދޫ ކައުންސިލް މެމްބަރު އަހުމަދު ލަތީފް މިއަދު ސަންއޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސެންޓްރަލް ޔޫޓިލިޓީސް އިން ހިންގަމުންގެން އަންނަ އެ ރަށު އިންޖީނުގޭގައި ހުންނަނީ އެންމެ އިންޖީނެއް ކަމަށާއި އެއީ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު ސަންޓްރަވަލް އަހުމަދު ޝިޔާމް ދެއްވާފައި ހުންނަ 250 ކިލޯ ވޯޓުގެ އިންޖީނެއް ކަމަށެވެ. ނަމަވެސް އެ އިންޖީނުގެ ރޭޑިއޭޓަރުން ލީކެއްވާތީ މިހާރު މުޅި އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ މާލެ އިން ތަކެއްޗާއި މީހުން ގެނެސްގެނޭ އިންޖީނު ރަނގަޅުކޮށް އަލުން ހިދުމަތް ދެވޭވަރު ވާނީ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 900 މީހުުންގެ އާބާދީގެ އެ ރަށުން މިއަދު ހެނދުނު 8:00 އިން ފެށިގެން ކަރަންޓް ކެނޑިފައިވީ ނަމަވެސް ކަރަންޓް ލިބޭނެއިރެއް ނޭނގޭ ކަމަށް ލަތީފު ވިދާޅުވި އެވެ. އަދި ކަރަންޓް ކެނޑުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި އިދާރާތަކުގެ މަސައްކަތްތަކަށް ބުރޫއަރަފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމާބެހޭ ގޮތުން ސެންޓްރަލް ޔޫޓިލިޓީސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ބަނޑިދޫން ކަރަންޓް ކެނޑި އަނބުރާ ކަރަންޓް ލިބޭނެއިރެއް ނޭނގިފައިވާ އިރު ރާއްޖޭގެ ގިނަ ރަށްރަށަކަށް ވަނީ އެ މައްސަލަ ދިމާވެފަ އެވެ. އެގޮތުން ބައެއް ރަށްރަށުން އިރުއިރުކޮޅުން ކަރަންޓް ކެނޑޭއިރު އަނެއް ބައި ރަށްރަށަށް ވަނީ ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފަ އެވެ.