ރ. މަޑުއްވަރީގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތާ ހަތް މަސް ދުވަސްވީއިރު ވެސް އެކަން ހައްލު ކުރެވިފައި ނުވާތީ އެރަށު ރައްޔިތުން ތެރެއިން ބަޔަކު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ މުޒަހަރާ ކުރަން ފަށައިފި އެވެ.
މަޑުއްވަރީ ކައުންސިލްގެ ނާއިބް ރައީސް ހުސެއިން ޝިހާމް ވިދާޅުވީ ދޭތެރެ ދޭތެރެއިން އެ ރަށުން ކަރަންޓް ކެނޑޭތާ ހަތް މަސް ވެއްޖެ ކަމަށާއި މިއަދު 12:30 އެހާކަންހާ އިރު މުޅި ރަށުން ކަރަންޓް ކެނޑުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަންފަށާފައިވާ ކަމަށެވެ.
"މިހާރު ހަ މަސް ވެއްޖެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތާ. މިއަދު 12:30 ހާއިރު މުޅި ރަށުން ކަރަންޓް ކެނޑުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ މިހާރު ވަނީ މުޒާހަރާ ކުރަން ފަށާފައި،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ރަށަކަށް ކަރަންޓް ދިނުމަށް ބޭނުންކުރަނީ 80 ކިލޯގެ ދެ ޖަނެރޭޓަރު ކަމަށާއި އެ ދެ ޖަނެރޭޓަރަށް އެކިފަހަރު މަތިން މައްސަލައް ދިމާވަމުން އަންނަ ކަމަށެވެ. އެ ދެ ޖަނެރޭޓަރަކީ އެ ރަށަށް ކަރަންޓް ދިނުމަށް އެކަށީގެންވާ އެއްޗަކަށް ނުވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަނާ ބައްދަލުކުރުމުން އެކަން ހައްލު ކުރެވޭނީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަން ލިބުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ނިމާލަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
މަޑުއްވަރީ އަކީ 2،200 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.