އެޕަލްއިން އައިޕެޑް މިނީ ދައްކާލައިފި

އެޕަލްއިން އެ ކުންފުނީގެ އައިޕެޑް މިނީ ދައްކާލައިފި އެވެ. އެމެރިކާގެ ކެލިފޯނިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ދައްކާލި، 20.1 ސެންޓިމީޓަރުގެ މި ޓެބްލެޓުގެ ތުނި މިނަކީ 7.2 މިލިމީޓަރެވެ. ބަރުދަނުގައި ހުންނަނީ 300 ގްރާމެވެ.

ސޯޅަ ޖީބީގެ ސްޓޯރޭޖެއް ހިމެނޭ މި މިނީ އައިޕެޑް އިނގިރޭސި ވިލާތުގައި ވިއްކާނީ 269 ޕައުންޑަށެވެ. އަދި ނޮވެންބަރު މަހުގެ 2 އިން ފެށިގެން ބާޒާރުން ލިބޭން ހުންނާނެ ކަމަށް ޚަބަރު ލިބެއެވެ. އައިޕެޑް މިނީއާ ވާދަ ކުރާ އުފެއްދުންތަކެއްގެ ގޮތުގައި މިހާރު ބާޒާރުގައި އުޅެނީ ގޫގުލް އާއި އެމޭޒަން އަދި ސެމްސަންގެ ޓެބްލެޓްތަކެވެ.

އެޕަލްގެ ވައިސް-ޕްރެޒިޑެންޓް މާކެޓިންގ ފިލް ޝިލަރ ވިދާޅުވި ގޮތުގައި، މި ފަހަރު އެޕަލްއިން މި ނެރޭ އައިޕެޑް މިނީ، މިއަހަރުގެ މާރިޗު މަހު ނެރުނު ތިންވަނަ ޖީލުގެ އައިޕެޑަށް ވުރެ 23% ތުނިވާނެއެވެ. އަދި 53% ލުއިވާނެއެވެ.

އައިޕެޑް މިނީ އުފެއްދުމުގެ ވާހަކަ އަކީ ވަރަށް ކުރީއްސުރެ އެޕަލްއިން ދައްކަމުން އައި ވާހަކައެއް ނަމަވެސް އެކަމަކީ އެހާ ޝައުގުވެރިކަމާ އެކު އެޕަލްއިން ކުރިޔަށް ގެންދާން ބޭނުންވި މަޝްރޫއެއް ނޫނެވެ. އެޕަލްގެ އަވަހާރަވެފައިވާ ބާނީ ސްޓީވް ޖޮބްސް ވެސް ވަނީ 7 އިންޗީގެ ޓެބްލެޓް "މާ ކުޑަ" ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމޭޒަންގެ 7 އިންޗީގެ ކިންޑްލް ފަޔަރ އެޗް.ޑީ އާއި ގޫގުލްގެ ނެކްސަސް 7 ފަދަ އުފެއްދުންތައް ބާޒާރަށް ނުކުތުމުން، މި އުފެއްދުންތަކާ ވާދަ ކުރާން އެޕަލްއަށް މަޖުބޫރުވުމުގެ ސަބަބުން އައިޕެޑް މިނީ މިއަހަރު ބާޒާރަށް ނެރޭން ނިންމީއެވެ.

އެމޭޒަންގެ 7 އިންޗީގެ ކިންޑްލް ފަޔަރ އެޗް.ޑީ އާއި ގޫގުލްގެ ނެކްސަސް 7، އިނގިރޭސިވިލާތުގެ ބާޒާރުގައި ހުރީ 159 ޕައުންޑަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު