ކަރަންޓް ބިލްތަކަށް އަރާފައިވާ ފައިސާ ނުދައްކައިގެން ގިނަ ދުވަސްތައް އިންޒާރަށް ފަހު މިއަދުގެ ހެނދުނު ގައްދޫ ކައުންސިލް އިދާރާ އިން ކަރަންޓް ކަނޑާލައިފި އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރު މަހަކާއި މި އަހަރުގެ ހަތަރު މަހެއްގެ ކަރަންޓް ބިލް ނުދެއްކި އޮތް ކަމަށާއި އެ ބިލްތަކަށް ޖުމުލަ 400000 ރުފިޔާ އަށް ބޮޑު އަދަދެއް އަރާފައިވާ ކަމަށެވެ. އަދި އެބިލްތައް ނުދެއްކި ވަނީ ބަޖެޓް ނުލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ވާނީ މިދިޔަ އަހަރުގެ ހަތަރު މަހުގެ ބިލް ނުދެއްކިފައި. އަދި މިއަހަރު ވެސް ވާނެ ހަތަރު މަހުގެ ބިލް ނުދެއްކި. އިންޖީނުގެއިން ބުނަނީ ކުރީގެ ބިލްތަކަށް ފައިސާ ދެއްކީމާ ކަމަށް މިހާރުގެ ބިލްތަކަށް ފައިސާ ބަލައިގަންނާނީ. ނަމަވެސް ކައުންސިލްގައި ނެތް ބަޖެޓެއް އެ ފައިސާ ދައްކާކަށް،" ރިޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެތައް ފަހަރަކު މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި ކަރަންޓް ކަނޑާލުމުގެ ސަބަބުން ރައްޔިތުނަށް ދޭން ޖެހޭ ހިދުމަތްތައް ނުދެވި ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ ގައްދޫ ކައުންސިލްގެ އިދާރާ އިން ކަރަންޓް ބިލް ނުދެއްކިގެން ކަރަންޓް ކަނޑާލާފައިވާ އިރު އެ ރަށުގެ މަގުމަތީ ބައްތިތަކާއި މިސްކިތްތަކުގެ އިތުރުން އެ ރަށުގެ ބޯޅަ ދަނޑުގެ ވެސް ގިނަ ދުވަސްތަކެއްގެ ބިލްތަކެއް ނުދެއްކިފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުންޏެވެ.
އެ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.