ހަސަން ލަތީފާއި އަހުމަދު އަބްދުﷲ އަފީފަށް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވަޑައެއް ނުގަނެވޭނެ: ހުޅުމާލޭ ކޯޓު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި ނަޝީދުގެ ގާނޫނީ ޓީމްގެ ދެ ވަކީލަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހުޅުމާލޭ ކޯޓުން އަންގައިފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސްޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފާއި ހަސަން ލަތީފަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހުޅުމާލޭ ކޯޓުން އެ ދެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.

ލަތީފާ ވިދާޅުވީ އަފީފަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް އެންގީ ސުޕްރީމް ކޯޓުން ނެރުނު، ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިގްރާރުގައި އޭނާ ސޮއިކޮށް، ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާކަން އެނގެން ނެތުމުން ކަމަށެވެ. އަދި ހަސަން ލަތީފަށް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ ކަމަށް އަންގާފައި ވަނީ ނަޝީދުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާތީ ކަމަށް ވެސް ލަތީފާ ވިދާޅުވި އެވެ.

"އަހުމަދު އަބްދުﷲ އަފީފަށް ވަކާލާތު ނުކުރެއްވޭ ސަބަބަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދެވަނަ ނަންބަރާއި ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުންގެ އިގުރާރުގައި ސޮއިކޮށް ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭފުޅެއްކަން އެނގެން ނެތުމުން. ހަސަން ލަތީފަށް ވަކީލެއްގެ ގޮތުގައި ބައިވެރި ނުވެވެނީ އެ މައްސަލަ [ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ] ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާތީ. އިސްވެދެންނެވުނު ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ އެއްވެސް ހެެއްކަކަށް މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް،" ލަތީފާ ވިދާޅުވި އެވެ.

އަފީފް މިއަދު ވިދާޅުވީ އެ ގަވާއިދަކީ ސުޕްރީމް ކޯޓަށް ހެދޭނެ ގަވާއިދެއް ކަމަށް ދެެކެވަޑައިނުގަންނަވާތީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އޭގެ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ މަސްލަހަތަށް ޓަކައި މުވައްކިލުންގެ ހައްގުތައް ނަގައި ނުލެވޭނެ ކަމަށާއި މާދަމާ އެ އިގްރާރުގައި ސޮއިކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލުންގެ ހައްގުތަށް ގެއްލޭކަމަށް ޓަކައި ސޮއިކުރުންނޫން އެހެންގޮތެއް ނޯންނާނެ އަޅުގަނޑަށް. ސަބަބަކީ އަޅުގަނޑުގެ މަސްލަހަތަށްޓަކައި އަޅުގަނޑުގެ މުވައްކިލުންގެ ހައްގުތައް އަޅުގަނޑަކަށް ނަގައެއް ނުލެވޭނެ. އެހެންވީމާ މިހާލަތުގައި އަޅުގަނޑަށް މަޖުބޫރުވޭ އެ އިގުރާރުގަ ސޮއިކުރަން. އެނޫން ގޮތެއް ނެތީމާ އަޅުގަނޑު މިގަސްތުކުރަނީ އެ އިގުރާރުގައި ސޮއިކުރަން. އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑު އެ އިގްރާރުގައި ސޮއިކުރާނަން،" އަފީފް ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ދެން ހިމެނެނީ ރައީސް އޮފީހުގެ ކުރީގެ ލީގަލް ސެކްރެޓަރީ ހިސާން ހުސެއިނާއި ޖިނާއީ މައްސަލަތަކުގައި ވަކާލާތުކުރައްވާ ވަކީލެއް ކަމުގައިވާ އަބްދުﷲ ޝާއިރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު