ގަލްފުގެ ހުރިހާ ގައުމަކުން ވެސް ފާޅުގައި ނޫނީ ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވާ: ހަމަދު

ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް

ގާހިރާ (29 ނޮވެންބަރު 2026) : ފާޅުގައި ނުވަތަ ސިއްރިޔާތުގައި އިސްރާއީލާއެކު ގުޅުންތައް ނުބައްވާ ގައުމެއް ގަލްފުގެ އަރަބި ގައުމުތަކުގެ ތެރޭގައި ނެތްކަމަށާއި އިސްރާއީލު މަސައްކަތް ކުރަނީ ގަލްފުގެ ގައުމުތަކުގެ ދިފާއީ ބެލެނިވެރިއަކަށް ވުމުގެ އުންމީދުގައި ކަމަށް ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް ވިދާޅުވެއްޖެއެވެ.

"ހައްލަކީ ކޮބާ؟" މިނަމުގައި މިސްރުގެ މީޑިއާއަކުން ގެނަސްދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ހަމަދު ބިން ޖާސިމް ވިދާޅުވީ ގަލްފުގެ ގައުމުތަކުގެ ގޮތުގައި ބެލެވޭ ޖީސީސީ ގެ ހަ ގައުމުގެ ތެރެއިން ދެގައުމު ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލް އާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށްފައިވާއިރު އަނެއް ހަތަރު ގައުމުން އިސްރާއީލާއެކު ގުޅުންތައް ބާއްވަމުން ގެންދަނީ ސިއްރިޔާތުގައެވެ.

ޖީސީސީ ނުވަތަ ގަލްފު ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ހަ ގައުމަކީ : ސައޫދީ، ޔޫއޭއީ، ގަތަރު، ކުވައިތު، އުމާން އަދި ބަހްރައިން އެވެ. މި ހަ ގައުމުގެ ތެރެއިން އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލް އާއެކު ޑިޕްލޮމެޓިކް ގުޅުންތައް އުފައްދައި ސަފީރުން ކަނޑައަޅައި އެންބަސީ ގާއިމްކޮށްފައިވާ ދެގައުމަކީ ޔުއޭއީ އާއި ބަހްރައިން އެވެ. ޖީސީސީ ގައި ހިމެނޭ އަނެއް ހަތަރު ގައުމަކީ ސައޫދީ، އުމާން ގަތަރު އަދި ކުވައިތު، އެވެ.

ހަމަދު ބިން ޖާސިމް ވިދާޅުވިގޮތުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާމެދުވެސް ގަތަރު ފިޔަވައި ގަލްފުގެ އެހެން ގައުމުތައް ދެކެނީ އިސްރާއީލު ދެކޭގޮތަށެވެ. އެއީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. ގަތަރަކީ ހަމާސް ޖަމާއަތާއި އިސްރާއީލާމެދު އަދި ހަމާސް ޖަމާއަތާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ ގައުމަކަށްވާތީ ހަމާސްގެ އިސްވެރިން ގަތަރުގައި ދިރިއުޅުއްވާކަމަށާ ހަމާސްއާއެކު ގަތަރުން ގުޅުންތައް ބާއްވަނީ އެމެރިކާގެ ރުހުން ލިބިގެން ކަމަށް ހަމަދު ބިން ޖާސިމް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި ނޫނީ ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ބުނެ ހަމާސްގެ އެތަށް މުޖާހިދަކު ގަލްފުގެ އެތަށް ގައުމެއްގެ ޖަލުތަކުގައި ދިގުމުއްދަތުގެ ޖަލު ހުކުމްތައް ތަންފީޒު ކުރަމުން ގެންދެއެވެ.

ގަތަރުގެ ކުރީގެ ބޮޑުވަޒީރު ހަމަދު ބިން ޖާސިމް ވިދާޅުވި ގޮތުގައި އިސްރާއީލު ގެންދަނީ ގަލްފުގެ އަރަބި ގައުމުތަކުގެ ދިފާއީ ބެލެނިވެރިއަކަށް ވުމަށްވެސް މަސައްކަތް ކުރަމުންނެވެ. ގަލްފުގެ ގައުމުތައް ހިމާޔަތްކުރަން އެމެރިކާއަށް ދަތިވާ ހާލަތްތަކުގައި ނޫނީ އެކި ސަބަބުތަކާގުޅިގެން އެކަމަށް އެމެރިކާ ނުކުޅެދޭ ހާލަތްތަކުގައި ގަލްފުގެ ގައުމުތަކުގެ ހިމާޔަތް ކޮށްދޭ ބެލެނިވެރިއަކަށް ވުމުގެ ހުވެފެން އިސްރާއީލު ދެކޭކަމަށާ މިކަމަށްޓަކައި ގަލްފުގެ ގައުމުތަކުގެ އިތުބާރު ހޯދަން އެމެރިކާގެ އެހީގައި އިސްރާއީލު ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އީރާންގެ ހަނގުރާމައިގާ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތަކަށް އީރާންވަނީ ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކާ ގުޅިގެން ޔޫއޭއީއާއި ބަހްރައިންގެ ހިމާޔަތުގައި އިސްރާއީލު ވަނީ އެދެގައުމަށް މިސައިލް އައްޑަނައިގެ ނިޒާމުތައް ފޯރުކޮށްދީ އަސްކަރީ ތަޖުރިބާކާރުން ފޮނުވިކަން ރިޕޯޓްތަކާއި ޚަބަރުތަކުންވަނީ ހާމަވެފައެވެ.

އިސްރާއީލާއި އެމެރިކާގެ ނަޒަރުގައި ގަލްފުގެ އަރަބި ގައުމުތަކަށް ނުރައްކާ ކުރިމަތިވާނީ އަދި ވަނީވެސް އީރާން އާއި ހަމާސް ޖަމާއަތް އަދި ހިޒްބުﷲ އާއި ހޫޘީ ޖަމާއަތް އަދި އިރާގު ފަދަ އިސްލާމީ ގައުމުތަކުން ނޫނީ އިސްލާމީ ޖަމާއަތްތަކުންނެވެ. އެހެންކަމުން އެއްބައި މުސްލިމުންގެ ނުރައްކަލުން އަނެއްބައި މުސްލިމުން ހިމާޔަތްކޮށްދޭނީ އެމެރިކާއާއި އިސްރާއީލެވެ.

މުސްލިމުންގެ މެދުގައިވާ ސުންނީ ޝިޔައީ ފަދަ މަޒުހަބީ ޚިލާފުތައް ބޭނުންކޮށްގެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ޖައްސައި ދުޝްމަން ކުރުމަކީ ޒަމާނުއްސުރު އިސްރާއީލު ގެންގުޅޭ ސިޔާސަތެއްކަން އިސްރާއީލުގެ ކުރީގެ ޖާސޫސީ އިދާރާގެ ވެރިންކަމަށްވާ ޔޫސީ ކޮހެން އާއި ޑޭވިޑް ބާނިއާ ފަދަ މީހުންވަނީ ހާމަކޮށްފައެވެ. އިސްރާއީލުގެ ބައެއް ޔުނިވާސިޓީތަކުގައި އިސްލާމީ ދިރާސާތަކާބެހޭ ޑިޕާޓްމަންޓްތައް ހުންނައިރު މިތަންތަނުން އިސްލާމް ދީނުގެ ނަމުގައި ކިޔަވައިގެން ނުކުންނަ މީހުން އިސްލާމީ މުޖްތަމައުތަކުގައި ތެރޭގައި އިސްރާއީލު ޕްރޮމޯޓްކުރުމުގެ އިތުރުން އިސްލާމް ދީނުން ހުއްޖަތް ދައްކައި މުސްލިމުން މުސްލިމުންނާ ޖައްސައި ފިތުނަކުރަން މަސައްކަތްކުރާކަމަށް އަރަބި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަރަބި އެތައް ގައުމެއްގެ ސަރުކާރުތަކުން އިސްރާއީލާއެކު ސިއްރު ގުޅުންތައް ބާއްވަމުން ގެންދާކަމީ މީގެކުރިންވެސް ރިޕޯޓްތަކާއި ޚަބަރުތަކުން ހާމަވެފައިވާ ކަމެކެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މިހެންވަނީ އަރަބި ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަކީ އާއިލީ ވެރިކަންތައްކުރާ ޚުދު މުޚްތާރު ރަސްކަމުގެ ނިޒާމުތަކާއި ޚުދު މުޚްތާރު ގޮތަށް ވެރިކަންކުރާ ޖުމްހޫރިއްޔަތު ތައްކަމަށްވާތީއެވެ. ރައްޔިތުންގެ ބާރު ނުހިނގާ އަދި ޑިމޮކްރަސީ ނެތް ވެރިކަމުގެ ނިޒާމުތަކެއްކަމަށްވާތީއެވެ. އަރަބި ބައެއް ގައުމުތައް އިސްރާއީލާއެކު ގުޅުންތައް ބޭއްވިޔަސް އަރަބި ރައްޔިތުން އިސްރާއީލަށް ނަފްރަތުކުރާ ކަމަށް އިސްރާއީލުގެ މީޑިއާވެސް ބުނެއެވެ. އަދި އިސްރާއީލުގެ މަސްއޫލުވެރިންވެސްވަނީ މިކަމާމެދު ކަންބޮޑުވެގެން އެތަށް ފަހަރަކު ވާހަކަ ދައްކާފައެވެ. މިކަމަށްޓަކައި އިސްރާއީލު ގެންދަނީ އަރަބި ގައުމުތަކުގެ ސްކޫލްތަކުގެ ކަރިކިއުލަމް ބަދަލުކުރަންވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އިސްރާއީލަކީ ދުޝްމަނެއްކަމަށް ސިފަކުރާ އަރަބި ބައެއްގައުމުތަކުގެ ކަރިކިއުލަމް އަށް އެމެރިކާގެ ޕްރެޝަރާއެކު ބޮޑެތި ބަދަލުތަކެއްވެސް މިހާރުވަނީ ގެނަސްފައެވެ.

މިސްރަކީ އެންމެ ފުރަތަމަ އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލާ ގުޅުންތައް ގާއިމް ކުރި ގައުމެވެ. ނަމަވެސް މިގުޅުންތަކަށް 48 އަހަރުވީއިރުވެސް މިގުޅުންތައް އޮންނަނީ މިސްރުގެ ސަރުކާރުތަކާއި އިސްރާއީލުގެ ސަރުކާރުތަކާ ދެމެދުގައެވެ. މިސްރުގެ ރައްޔިތުންނާ އިސްރާއީލާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. ގާހިރާގައި ހުންނަ އިސްރާއީލުގެ ސަފީރަށްވެސް މިސްރުގެ އާންމުންނާ ގާތްވެއުޅޭކަށް ނުކެރެއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ގަލްފުގެ ބައެއް އަރަބި ގައުމުތަކަށް އިސްރާއީލާއެކު ފާޅުގައި ގުޅުންތައް ބާއްވަން ނުކެރެނީ އެކަމުގެ ސަބަބުން އެގައުމުތަކުގެ އަގު އިސްލާމީ ދުނިޔޭގައި ވެއްޓިދާނެ ކަމުގެ ބިރަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު