ރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނެޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް" ގެ ދަށުން، އަލަށް ގެދޮރު ގަތުމަށް އެހީދޭ (ހެލްޕް-ޓު-ބައި) ސްކީމާއި ގެދޮރު ބިނާކުރުމަށް އެހީދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މީގެ ތެރެއިން ހެލްޕް-ޓު-ބައި ސްކީމުގެ ދަށުން ގެދޮރު ގަތުމަށް އެހީދެނީ މައިގަނޑު ދެ ކެޓަގަރީއަކުންނެވެ. އެ ކެޓަގަރީތަކަކީ:
ކެޓަގަރީ 1 (ހެލްޕް-ޓު-ބައި އެފޯޑަބަލް):
މިއީ ސަރުކާރުގެ ލުއިތަކާއެކު ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތްކުރާ ހެޔޮ އަގުގެ ހައުސިން ޔުނިޓްތައް ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް ދޭ އެހީއެކެވެ. މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިންގާ މި ކެޓަގަރީގެ ދަށުން ހިލޭ އެހީގެ ގޮތުގައި 250،000 ރުފިޔާ ޑިވެލޮޕަރަށް ދޫކުރުމަށް ހަމަޖެހިފައިވާ މާލީ އިދާރާއެއްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރާނެއެވެ. އަދި ޖީއެސްޓީ ނުނަގާ ގޮތަށް ކަނޑައަޅާފައިވާ ތަންތަނަށް ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ރަޖިސްޓްރީކޮށްފައި އޮވެގެން ނުވާނެއެވެ.
ކެޓަގަރީ 2 (ހެލްޕް-ޓު-ބައި މާކެޓް ރޭޓް ޔުނިޓްސް):
މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ކެޓަގަރީގެ ދަށުން ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ. އެގޮތުން ގަންނަ ފަރާތާއި ޑިވެލޮޕަރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެ ފައިސާ ޑިވެލޮޕަރަށް ދޫކުރުމަށް ހަމަޖެހިފައިވާ މާލީ އިދާރާގެ އެސްކްރޯ އެކައުންޓަށް ދޫކުރެވޭނެއެވެ. އަދި ހައުސިން ޔުނިޓެއް އެލޮޓްކުރެވުނު ކަމުގެ ލިޔުން ލިބުމުގެ ކުރިން ވެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި ކެޓަގަރީއަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރުވެފައިވާ، ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސިން ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުން ނަމަ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، އަދި އެހެން ސަރަހައްދަކުން ނަމަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބައެއް އޮވެގެން ނުވާނެއެވެ. މީގެ އިތުރުން އެއްމެދު އިމާރާތަކުން ޔުނިޓެއް ލިބިފައިވުމާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ޔުނިޓެއް ލިބިފައިވުމާއި، ވޭތުވެދިޔަ 20 އަހަރު ތެރޭގައި ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ގެދޮރު އިމާރާތްކުރާ ލޯނެއް ނުވަތަ ފައިނޭންޝަލް ފެސިލިޓީއެއް ލިބިފައިވާނަމަ ޝަރުތު ހަމައެއް ނުވާނެއެވެ.
ހެލްޕް-ޓު-ބިލްޑް ސްކީމް:
މިއީ އަމިއްލަ ނަމުގައިވާ ގޯއްޗެއްގައި ދިރިއުޅުމުގެ ބޭނުމަށް އަލަށް ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އިމާރާތްކުރުމަށާއި، ނުނިމިހުރި އިމާރާތެއް ނިންމުމަށާއި، އަދި ބާވެފައިވާ އިމާރާތެއް އަލުން ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރުވެރިވެފައިނުވާ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި ދަރަނި އަދާކުރުމުގެ ބުރަ ކުޑަކޮށްދިނުމެވެ.
މި ސްކީމްގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ގޯއްޗަކަށް 200،000 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދޫކުރާނެއެވެ. އަދި ވިލިމާލެ އާއި ހުޅުމާލެ ނުހިމެނޭ ގޮތަށް މާލެއަށް 200،000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރާނެއެވެ. މާލޭގައި މި އެހީ ދޫކުރާނީ ގޯތީގެ ވެރިފަރާތުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، ގިނަވެގެން ފަސް މީހުންނަށް ނިސްބަތްވާ ގޮތަށެވެ.
ހަމައެއާއެކު މި ސްކީމުގެ ދަށުން އެހީ ލިބިގެން އިމާރާތްކުރާ ގޯތި، އެހީ ލިބުނުތާ 25 އަހަރު ތެރޭގައި ވިއްކާލާނަމަ، ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ހިއްސާއަށްވާ ފައިސާ ސަރުކާރުން ކަނޑައަޅާ އުސޫލަކުން އަނބުރާ ދައްކަންޖެހޭނެއެވެ. އެ ފައިސާ ޖަމާކުރާނީ ސަރުކާރުގެ ހައުސިން ފަންޑަށެވެ.
މި ސްކީމްތަކުގެ އުސޫލު މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.