މިދިޔަ މަހު އެންބީސީން 40 އަށްވުރެ ގިނަ އުފެއްދުން ކްލެސިފައިކޮށްފި، ގިނައީ އަދަބީ އުފެއްދުން

ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ) އިން 40 އަށް ވުރެ ގިނަ ފަންނީ އުފެއްދުން ގިންތިކޮށް، ކްލެސިފައި ކޮށްދީފިއެވެ.

އެންބީސީން ޢާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މަހުގެ ތެރޭގައި އެ ބިއުރޯއަށް ހުށަހެޅުނު އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައީ އަދަބީ އުފެއްދުންތަކެވެ. އެގޮތުން ލިޔުންތެރިކަމާއި އަދަބިއްޔާތާ ގުޅުންހުރި ޖުމްލަ 29 އުފެއްދުމެއް އެ މަހު ވަނީ ކްލެސިފައި ކޮށްދީފައެވެ.

އަދަބީ އުފެއްދުންތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެ ވީޑިއޯ ޕްރޮޑަކްޝަންތައް ވެސް ފާހަގަކޮށްލެވޭ އަދަދަކަށް އެ މަހު ވަނީ ގިންތިކޮށްފައެވެ. އެ ބިއުރޯގެ ހިސާބުތަކުން ދައްކާ ގޮތުގައި ބޭރުގެ ޖުމްލަ 14 ވީޑިއޯ ޕްރޮޑަކްޝަނެއް މިދިޔަ މަހު ވަނީ ކްލެސިފައި ކޮށްދީފައެވެ.

މީގެ އިތުރުން، އެ ބިއުރޯއިން ގިންތިކުރާ އެހެނިހެން ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ވީޑިއޯ އުފެއްދުންތަކާއި، އާޓް އެގްޒިބިޝަންތަކާއި، ޕޯސްޓަރު އަދި ދިވެހި ވީޑިއޯ ޓްރެއިލާތައް ވެސް އެންބީސީގެ މިންގަނޑުތަކާ އެއްގޮތަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މިފަދަ ފަންނީ އުފެއްދުންތައް ގިންތިކުރަނީ، ޢާންމުކޮށް ޝާއިއުކުރެވޭ އަދި ދައްކާ އެކި ބާވަތްތަކުގެ އުފެއްދުންތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކަށީގެންވާ ޢުމުރުފުރާތަކަށް އަމާޒުކޮށްގެން ނެރެވޭ ތަކެތިކަން ކަށަވަރުކުރުމުގެ މަގްސަދުގައެވެ.

comment ކޮމެންޓް