ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު ހޮވުން: ފޯމު ބަލައިގަންނަން ފަށައިފި، އިންތިޚާބު އަންނަ މަހު 9 ގައި

ބާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ; ބާ ކައުންސިލް

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އަންނަ ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އިންތިޚާބަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިހާރު ހުންނެވި މެންބަރުގެ ދައުރު އަންނަ އަހަރުގެ ޖެނުއަރީ 23 ގައި ހަމަވާތީ ބާއްވާ އިންތިޚާބެކެވެ.

ގާނޫނުގައިވާ ގޮތުން، ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން އައު ދައުރަކަށް މެންބަރުން އިންތިޚާބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހެއެވެ.

ބާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ ހަފުތާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ.

ފޯމު ހުށަހެޅޭނީ ބާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ބުންޏެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުން، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންވާނެއެވެ.

މީގެއިތުރުން އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މަގާމަށް ކުރިމަތިލާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފުރިހަމަކޮށްފައިވާ ފޯމާއި، އިންތިޚާބުގައި ބޭނުންކުރާ ލޯގޯ ނުވަތަ ނިޝާނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޫކޮށްފައިވާ މުޅި ޢުމުރު ދުވަހުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ކަމުގެ ލިޔުމުގެ އިތުރުން އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000 ރުފިޔާ ހިމެނެއެވެ.

މި އިންތިޚާބުގެ ވޯޓުލުން އަންނަ މަހުގެ ނުވައެއްގައި ކުރިއަށްދާއިރު، އެ ދުވަހު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓުންނާއި ބާ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ބާ ކައުންސިލަކީ ގާނޫނީ ދާއިރާ އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން މުއައްސަސާއެކެވެ.

މި ކައުންސިލްގެ މައިގަނޑު މަގްސަދުތަކާއި ޒިންމާތަކުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި، ވަކީލުންގެ ދަފުތަރު އަދި ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސްތަކުގެ މަޢުލޫމާތު ބެލެހެއްޓުންހިމެނެއެވެ.

މީގެ އިތުރުން ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ބާ އިމްތިޙާން އިންތިޒާމުކޮށް ހިންގުމާއި
ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައެޅުމާއި، ގާނޫނާ ޚިލާފުވާ ވަކީލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުން ނުވަތަ ބާޠިލުކުރުންފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް