ބެއިޖިން (25 ނޮވެންބަރު 2026) : ފަޒާގެ ދިރާސާތަކަށް ޚާއްސަކޮށްގެން ޗައިނާ ޖައްވުގައި ބިނާކޮށްފައިވާ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" އަށް ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ފޮނުވުމާއެކު ޕާކިސްތާން އުފަލުން ފޮޅިއްޖެއެވެ.
މި ތާރީޚީ ދަތުރާބެހޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޕާކިސްތާނަށް ވަރަށް ތާރީޚީ ކަމެއް ކަމަށާ މިއީ ޕާކިސްތާނުގެ އާބާދީގައި ހިމެނޭ 220 މިލިޔަން މީހުންގެ އިހުސާސްތަކާއި ފަޒާގެ ސައެންސްގެ ދާއިރާގައި ކުރިޔަށް ދިޔުމަށް ޕާކިސްތާނު ރައްޔިތުންނާއި ސަރުކާރާ އަދި ސައިންސްވެރިން ކުރަމުންދާ އުންމީދުތަކަށް ކާމިޔާބު ކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމުގައެވެ. އަދި މިއީ ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް ގުޅުންތައް އިތުރު ހަރުފަތަކަށް ހިނގައްޖެކަން ހާމަވާ ހެއްކެއް ކަންވެސް ޝެހެބާޒް ޝަރީފް ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ އެސްޓްރޮނޯޓް ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދިޔުމާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރުދާރީވެސް ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މަރުހަބާ އާއި ތަހުނިޔާގެ މެސެޖްތައް ބަދަލުކުރައްވައިފައެވެ. ޗައިނާއާއި ޕާކިސްތާނުގެ މީޑިއާއިންވެސްވަނީ މިކަން ފާހަގަކޮށްފައެވެ. އެދެގައުމުގެ މީޑިއާ ބުނެފައިވާ ގޮތުގައި މިއީ ޕާކިސްތާނާއި ޗައިނާގެ ގުޅުންތައް ފަޒާގެ ދާއިރާއަށް ވެސް ފުޅާވެގެންދާކަން ހާމަކޮށްދޭ ޖައްވުގެ ޑިޕްލޮމަސީ ހަރަކާތެކެވެ.
ކެޕްޝަން.. ޖައްވުގައި ޗައިނާއިން ބިނާކޮށްފައިވާ ޖައްވީ ސްޓޭޝަން ޗައިނާގެ ޖައްވީ ސްޓޭޝަން ދިޔަ ޕާކިސްތާނުގެ އެސްޓްރޮނޯޓް އަކީ މުހައްމަދު ޒީޝާން ޢަލީ އެވެ. އޭނާއަކީ އަސްކަރީ ޕައިލެޓެކެވެ. އޭނާ ޖައްވަށް ދިޔުމަށާއި ޖައްވީ ސްޓޭޝަންގައި މަސައްކަތް ކުރުމަށް ތަމްރީން ކޮށްދިނީ ފަޒާގެ ދިރާސާތަކާބެހޭ ޗައިނާގެ އިދާރާ ކަމަށްވާ ޗައިނާ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިންނެވެ.
ޗައިނާއަކީ ރަޝިއާގެ އިތުރުން އަމިއްލަ ޓެކްނޮލޮޖީގައި ފަޒާގައި ޖައްވީ ސްޓޭޝަނެއް ބިނާކުރި ދެވަނަ ގައުމެވެ. އެމެރިކާއަށް ޖައްވުގައި މިފަދަ ސްޓޭޝަނެއް ބިނާކުރެވިފައެއް ނުވެއެވެ. ޖައްވުގައި ކުރާ ދިރާސާތަކުގައި އެމެރިކާ ބޭނުންކުރަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އެވެ. އެއީ އެމެރިކާ، ރަޝިއާ، ޖަޕާން، ޔޫރަޕްގެ އިއްތިޙާދު އަދި ކެނެޑާ ގުޅިގެން މީގެ ވިއްސަކަށް އަހަރު ކުރިން ބިނާކޮށްފައިވާ ވަރަށް ބައު ސްޓޭޝަން އެކެވެ.
ބައިނަލްއަގްވާމީ ސްޓޭޝަނަށް ދަތުރުކުރާނެ ސްޕޭސް ޝަޓްލް އެއްވެސް މިހާރު އެމެރިކާގައި ނެތެވެ. މި ސްޓޭޝަނަށް އެމެރިކާގެ އެސްޓްރޮނޯޓަކު ފޮނުވާނަމަ ބޭނުންކުރަން ޖެހެނީ ރަޝިއާގެ ޖައްވީ އުޅަނދެކެވެ. މިސްޓޭޝަން 2030 ގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ދުރާލައި ރަޝިއާ މިހާރުވަނީ ޖައްވުގައި އަމިއްލަ ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައި އޭގެ ވަރަށް ބޮޑު ބައެއް ނިންމައިފައެވެ.
ކެޕްޝަން.. ޗައިނާއިން ޖައްވުގައި ބިނާކޮށްފައިވާ ޖައްވީ ސްޓޭޝަންގެ އެތެރެޒީޝާން ޗައިނާގެ ސްޓޭޝަން "ޓިއަންގޮންގް" އަށް ދިޔައީ ޖައްވަށް އިންސާނުން ފޮނުވުމަށް ޗައިނާ ބޭނުންކުރާ ރޮކެޓެއްކަމަށްވާ "ލޯންގް މާރޗް-2އެފް" ރޮކެޓުގައެވެ. "ޓިއަންގޮންގް" ގައި އޭނާ 10 ވަރަކަށް ދުވަސް ހޭދަކޮށް އޭނާގެ ދާއިރާ ކަމަށްވާ ޕޭލޯޑް ގެ ދާއިރާއިން ކުރަންޖެހޭ ދިރާސާތައް އޭނާ ކުރާނެއެވެ. ޗައިނާގެ މީޑިއާ ބުނާގޮތުން ޒީޝާންއަކީ ޗައިނާ ބަސްވަރަށް ރަނގަނޅަށް ދަންނަ މީހެކެވެ. ޖައްވީ ސްޓޭޝަނަށް ދިޔުމަށް ތައްޔާރު ވުމުގެ ގޮތުން ޒީޝާން ވަނީ ޗައިނާ ބަސް ދަސްކުރުމުގެ އިތުރުން ޗައިނާގައި އެތަށް މަހެއްވަން ކަމާބެހޭ ތަމްރީނުތައްވެސް ހަދައިފައެވެ.
ޗައިނާއިން އެގައުމުގެ ޖައްވީ ސްޓޭޝަނަށް ކިޔާ އާންމު ނަމަކީ "އުޑުމަތީ ގަނޑުވަރު" އެވެ. މިއީ ޗައިނާ ފަޚްރުވެރިވާ އަދި ޗައިނާގެ ބިޔަ އިގްތިސާދާއި އާދަޔާ ޚިލާފު އިލްމީ ކުރިއެރުމާއި އެގައުމުގެ ކުރިއަރަމުންދާ ސިނައާއި ޖިއޮޕޮލިޓިކަލް ހެވީވެއިޓް ރަމްޒުކޮށްދޭ ސްޓޭޝަނެކެވެ. ޒީޝާން އަލީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދިޔައީ އެ ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވުމަށް ޗައިނާ އުފައްދާފައިވާ "ލޯންގް މާރޗް-2އެފް" ރޮކެޓުގައެވެ. މި ރޮކެޓް ޖައްވަށް އުދުއްސާލީ ޗައިނާގެ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން އިއްޔެ ޖީއެމްޓީން ހެނދުނު 6:30 ގައެވެ.