ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް މަޝްވަރާކުރަމުން އަންނަކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ކުށުގެ ޒިންމާ ނަގަން ޖެހޭ އެންމެ ދަށް އުމުރަކީ 15 އަހަރު ކަމަށެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވަނީ އެ އުމުރު ދަށްކުރުމަށް މަޝްވަރާ ކުރާކަން ހާމަކުރައްވާފައެވެ.
"ކުށުގެ ޒިންމާ ކުދިން އުފުލަން ޖެހޭ އުމުރަކީ ވަރަށް ވައިޑް ރޭންޖެއްގައި މަޝްވަރާ ކުރަމުން އަންނަ އެއްޗެއް. އަޅުގަނޑުމެން އެބަ ޑިސްކަސް ކުރަން 12 އަހަރަށް ތިރިކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުށުގެ ޒިންމާ 12 އަހަރަށް ދަށްކުރަން މަސައްކަތް ކުރަނީ އެ ކުދިންނަށް އަދަބު ދިނުމަކަށް ނޫނެވެ.
މިހާރު ގާނޫނުގައި ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ފެންނަނީ އެހެން ހަގީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، 14، 13 އަހަރުގެ ކުދިން ކުށުގެ މާހައުލުގައި ވަރަށް ބޮޑަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ކިޔައިދެއްވިއެވެ.
އެ ކަމުން ކުދިން ދުރުކުރުމަށް ބަލާއިރު، ގާނޫނުން ޖާގަ ނުލިބޭތީ މަސައްކަތްތައް މިހާރު ލިމިޓުވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އެހެންވެ، އުމުރު ދަށްކުރަނީ އެ ކުދިންނާއެކު، ކުރެވޭ މަސައްކަތްތައް ފުޅާކުރަން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މި ކަމުގައި ފިޔަވަޅު އެޅުމުގެ ކުރިން ދާއިރާގެ ބޭފުޅުންގެ ލަފައެއް ހޯދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.