އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެންމެހާ އަނިޔާތަކުން އެ ފަރާތްތައް ހިމާޔަތްކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެ އޮތީ ސާބިތުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތްކުރުމަށާއި، ކުށްކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމުގެ އިތުރުން، ކުށްވެރިންނަށް އަދަބު ނުލިބި ދޫވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން އަނިޔާގެ މައްސަލަތައް ޒިންމާދާރު ގޮތެއްގައި ރިޕޯޓުކުރެވޭނެ ނިޒާމު ހަރުދަނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ނުވަތަ ޝެލްޓާތައް އިތުރަށް ފުޅާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ހަމައެއާއެކު، އަނިޔާ ލިބޭ ކޮންމެ ފަރާތަކަށްމެ ކަރާމާތްތެރިކަމާއި، އިންސާފުވެރިކަން އަދި ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ކުރީ ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.
https://x.com/MMuizzu/status/2125440754634088556
އަނިޔާ ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަންތައްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަންހެނުންނަށް ހުރި ނިޒާމީ ހުރަސްތައް ނައްތާލައި، އަންހެނުންނަށް އެ ކަނބަލުންގެ ހައްގުތައް ލިބިދީ، ފުރިހަމަ ގާބިލުކަން ދެއްކޭނެ ގޮތަށް ބާރުވެރިކުރުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.
މީގެއިތުރުން ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ވެސް ބިރުވެރިކަމެއް ނެތި، އަދި ހުރިހާ ބާވަތެއްގެ އަނިޔާއަކުން ރައްކާތެރިވެގެން ދިރިއުޅެވޭނެ ފަދަ ގައުމަކާއި ދުނިޔެއެއް ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.