އޭއައި ތަރައްގީކުރުމަށް އާންމު ހުދޫދުތަކެއް ކަނޑައަޅަން އޯޕަންއޭއައިއިން ހުށަހަޅައިފި

އޯޕަންއޭއައިގެ ޗީފް ސައިންޓިސްޓް ޖޭކަބް ޕަޗޮކީ (ވ) އާއި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުގެ ބާރުގަދަވަމުންދާ މިންވަރު ވަޒަންކުރުމަށް "ޕާޕްލެކްސިޓީ" އަކީ މުޅި ސިނާއަތުގައި ބޭނުންކުރާ އާންމު މިންގަނޑަކަށް ހަދައި، އޭއައި ތަރައްގީކުރުމުގައި އެންމެން އެއްބަސްވާ ހުދޫދުތަކެއް ކަނޑައެޅުމަށް އޯޕަންއޭއައިގެ ޗީފް ސައިންޓިސްޓް ޖޭކަބް ޕަޗޮކީ ހުށަހަޅައިފިއެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަންގެ ތާއީދާއެކު އާދީއްތަ ދުވަހު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ޕަޗޮކީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، އޭއައިގެ ގާބިލުކަން ހަލުވިމިނެއްގައި ކުރިއަރަމުންދާތީ އެކަމުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ސިނާއަތުގެ އެތެރެއާއި ބޭރުގައި ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޕަޗޮކީ ވިދާޅުވި ގޮތުގައި އޭއައިގެ އަމަލުތައް ދެނެގަނެ މޮނިޓާ ކުރުމުގެ ގާބިލުކަން ވަކި ޚާއްސަ މިންވަރަކަށް ވާސިލުވަންދެން، ޕާޕްލެކްސިޓީއާއި އެހެނިހެން މިންގަނޑުތަކަށް ބިނާކޮށް ކަނޑައަޅާ ވަކި ހުދޫދުތަކެއް ފަހަނައަޅައި ނުދިއުމަށް އޭއައި ތަރައްގީކުރާ ފަރާތްތަކުން އެއްބަސްވާން ޖެހެއެވެ.

މި މިންގަނޑު ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ޕާޕްލެކްސިޓީއަކީ ޑޭޓާގެ އެންމެ ކުޑަ ޔުނިޓް ކަމަށްވާ ދެން އަންނާނެ "ޓޯކެން" އޭއައި މޮޑެލްއަކުން ލަފާކުރާ ފުރިހަމަކަން ވަޒަންކުރާ މިންގަނޑެއް ކަމަށާއި، ޕާޕްލެކްސިޓީ ދަށްވުމަކީ އެ މޮޑެލްއެއްގެ ލަފާކުރުންތައް އެހާމެ ރަނގަޅުވުން ކަމަށެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރާ ހަމައަށް ދާއިރު އޭއައި ތަމްރީނުކުރުމުގެ އުސޫލުތަކަށް އޭއައިގެ އެހީގައި އަސާސީ ބޮޑެތި ކުރިއެރުންތަކެއް އަތުވެދާނެ ކަމަށާއި، އޭގެ ސަބަބުން ރައްކާތެރިކަމާއި މޮނިޓަރ ކުރުމުގެ ނިޒާމުތައް ކުރިއަރާ މިންވަރަށްވުރެ މާ ބާރަށް އޭއައި ތަރައްގީވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ޕަޗޮކީ ވަނީ ދެއްވާފައެވެ.

އެހެންކަމުން، އޭއައި ތަރައްގީކުރުމުގެ ފުރަތަމަ ހުދޫދު ކަނޑައަޅައި، އެ ހުދޫދު ފަހަނައަޅައި ދިއުމުގެ ކުރިން ހާސިލުކުރަންޖެހޭ ރައްކާތެރިކަމުގެ ލަނޑުދަނޑިތައް ސާފުކޮށް ބަޔާންކުރާ ސިނާއީ މިންގަނޑެއް އެކުލަވާލުމަށް އޭނާ ގޮވާލެއްވިއެވެ.

މި ހުށަހެޅުމަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސޭމް އޯލްޓްމަން ވިދާޅުވީ، އޭއައި ތަރައްގީކުރުމުގައި އާންމު ހުދޫދުތަކަކަށް މުޅި ސިނާއަތުން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށާއި، ޕަޗޮކީގެ މި ލިޔުމަކީ ފަހުގެ ތާރީޚެއްގައި އޯޕަންއޭއައި އިން ޝާއިއުކުރި އެންމެ މުހިންމު ލިޔުން ކަމަށެވެ.

މީގެ އިތުރުން، މިފަދަ ހުދޫދުތަކެއް ކަނޑައެޅުމަކީ އޭއައިގެ ރައްކާތެރިކަމާއި ކޮންޓްރޯލް ކަށަވަރުކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށްވެސް އޯލްޓްމަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް