ނަފުރަތުގެ ހުޅުގަނޑު ނިއްވާލައި ލޯތްބަށް ބަދަލުކުރުމަށްޓަކައި އަނިޔާވެރިކަމުގެ ބަދަލުގައި މަޝްވަރާ އާއި، ބިރުވެރިކަމުގެ ބަދަލުގައި އިތުބާރު އިޚްތިޔާރު ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން ގޮވާލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގައި ބޭއްވި "ގްލޯބަލް ޕީސް އޮނާސް" ހަފްލާގައި ވާހަކަދައްކަމުން ޝާހު ބުނީ، ސުލްހައަކީ ކޮންމެ ދުވަހަކުވެސް ކޮންމެ އިންސާނަކު އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް، އަދާކުރަންޖެހޭ ޒިންމާއެއް އަދި ވާންޖެހޭ މަތިވެރި ވަޢުދެއް ކަމަށެވެ.
މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވޭންދުރަ ފަޑްނަވީސްގެ އަނބިކަނބަލުން އަމްރުތާ ފަޑްނަވީސް އިސްވެ ހުންނަވައިގެން ހިންގަވާ "ދިވްޔާޖް ފައުންޑޭޝަން"އިން އިންތިޒާމުކުރި މި ޝަރަފުވެރި ހަފްލާގައި، ޗީފް މިނިސްޓަރު ދޭވޭންދުރަވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގެ ބައިވެރިންނާ މުޚާތަބު ކުރަމުން ޝާހުރުކް ބުނީ، ޙަޤީޤީ ސުލްހަ އުފެދިގެން އަންނަނީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގެ ތެރެއިން ކަމަށެވެ. އަދި ޚިޔާލުތަފާތުވުންތައް ކުރިމަތިވި ނަމަވެސް، އެކަކު އަނެކަކުގެ ވިސްނުމާއި ހާލަތު ދެނެގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ޝާހު ވަނީ ވާހަކަދައްކާފައެވެ.
ފިލްމު "ކިންގް"ގެ މަންޒަރެއްގައި ޝާހު--ފޮޓޯ/ޓެލެގްރާފްއިންޑިއާމި މޭރުމުން ވާހަކަދައްކަމުން، އޭނާގެ ހަގު ދަރިފުޅާއެކު ނަފުރަތު ލޯތްބަށް ބަދަލުކުރާނެ ގޮތާމެދު ދެކެވުނު ވާހަކައެއް ޝާހުރުކް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އަރައިރުމާއި ބިރުވެރިކަމުގެ ބަދަލުގައި މަޝްވަރާ އާއި އިތުބާރާއި އެއްބައިވަންތަކަން އިސްކުރުމަކީ އޭގެ ހަމައެކަނި ހައްލު ކަމުގައި ދެކޭ ކަމަށް ޝާހު ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އިންސާނުން އާންމުގޮތެއްގައި ހަނގުރާމަކޮށް ވަކާލާތުކުރަނީ އެމީހުންގެ ހުވަފެންތަކާއި، އަމިއްލަ ވަންތަކަމާއި، ލޯބިވާ މީހުންގެ ޙައްޤުގައެވެ. ނަމަވެސް ބައެއް ފަހަރު ޕާކިންގް ޖާގައެއް ފަދަ އާދައިގެ ކުދިކުދި ކަންކަމާއި ޚިޔާލުތަފާތުވުންތަކުގައިވެސް މީހުން އަރައިރުންވާކަން ޝާހު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ސުލްހައަކީ އެއްވެސް ހަނގުރާމައަކާ ނުލައި ހާސިލުކުރެވޭނެ މަތިވެރި ނިއުމަތެއް ކަމަށް މަޤުބޫލު ފިލްމީ ތަރި ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރި ދަތުރުތަކުގައި އާއްމުންގެ ފަރާތުން ވަރަށް ބޮޑު ލޯތްބެއް އޭނާއަށް ލިބުނު ނަމަވެސް، އިންޑިއާއަށް އެއަށްވުރެ މާ މަތިވެރި ޤަދަރަކާއި އިހުތިރާމެއް ލިބިފައިވާ ކަމަށް ޝާހުރުކް ވަނީ ބުނެފައެވެ. އަދި އިންޑިއާއަކީ ސުލްހަވެރިކަމާއި، އެއްބައިވަންތަކަމާއި، ހެޔޮއެދުމުގެ ރިވެތި ނަމޫނާއެއް ދައްކުވައިދޭ ޤައުމެއްގެ ގޮތުގައި ޝާހު ސިފަކޮށްފައިވެއެވެ.
ޝަހުގެ ކެރިއަރުގެ ތާރީޚީ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ"ގެ މަޝްހޫރު ޑައިލޮގަކަށް އިޝާރާތް ކުރަމުން، ބޮޑެތި ޤައުމުތަކުގައި ކުދިކުދި ކަންކަން ހިނގާނެ ކަމަށް ބުނެ، ބާރުގަދަ ޤައުމުތަކުން ނިންމާ ބޮޑެތި ނިންމުންތަކުގެ ތެރޭގައިވެސް، އިންސާނިއްޔަތުކަމުގެ ކުދިކުދި އަމަލުތަކަކީ ދުވަހަކުވެސް ކުޑަކޮށް ދެކިގެންވާނެ ކަންކަމެއް ނޫން ކަމަށް އެކްޓަރު ބުނެފައިވެއެވެ. އަދި އެފަދަ ކުދިކުދި ހެޔޮ އަމަލުތަކުން މުޅި ތާރީޚުގެ މިސްރާބުވެސް ބަދަލުކޮށްލެވިދާނެ ކަމުގެ ޔަގީންކަން ޝާހު ވަނީ ދީފައެވެ.
ޝާހު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ ޑިސެމްބަރު މަހުގެ 24ގައި ސިނަމާތަކަށް ގެންނަ ފިލްމު "ކިންގް"އިންނެވެ.