ދަތުރުވެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ އެކު ސޯނޫ މަތިންދާބޯޓު ތެރޭގައި ކުއްލި މިއުޒިކް ޝޯއެއް ދީފި

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓުގައި ލަވަ ހުށަހަޅައިދެނީ--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިގޯ އެއާލައިންސްގެ މަތިންދާބޯޓެއްގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުންތަކެއް، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ލަވަތައް ކިޔަން ފެށުމުން، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ ބޯޓު ތެރޭގައި ކުއްލި ލައިވް ޕާފޯމަންސެއް ދީ، އާދައިގެ ވައިގެ ދަތުރެއް ހަނދާނުން ފޮހެނުލެވޭ ފަދަ މިއުޒިކީ އީދަކަށް ބަދަލުކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު، އިންޑިއާގެ ރައިޕޫރުން މުމްބާއީއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ. ސޯނޫ ނިގަމް މުމްބާއީއަށް އެނބުރި ދިޔައީ އޭގެ އެއް ދުވަސް ކުރިން އެއިމްސް ރައިޕޫރުން އިންތިޒާމުކޮށްގެން ބޭއްވި އަހަރީ ސަގާފީ ފެސްޓިވަލް ކަމަށްވާ "އޮރިއާނާ ފެސްޓް"ގައި ޕާފޯމް ކުރުމަށްފަހުއެވެ. ބޯޓުގައި ސޯނޫ އިންކަން އެނގުމާއެކު، ފަސިންޖަރުންގެ މެދުގައި އުފެދުނު ފޯރިއާއެކު ޝާހްރުކް ޚާންގެ 2003 ވަނަ އަހަރުގެ މަގުބޫލު ފިލްމު "ކަލް ހޯ ނާ ހޯ"ގެ ޓައިޓަލް ލަވައާއި "އޯމް ޝާންތީ އޯމް"ގެ "މޭން އަގަރް ކަހޫން" ފަދަ އޭނާގެ ރީތި ލަވަތައް އެންމެން އެކުގައި ކިޔަން ފެށިއެވެ.

ސަޕޯޓަރުންގެ މި ކުއްލި ހަރަކާތުން ހައިރާންކަމާއި އުފާވެރިކަން ލިބުނު ސޯނޫ، ވަގުތުން އޭނާގެ ފޯނުން އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. އަދި އެއީ ވަރަށް ޚާއްޞަ މިއުޒިކީ މުޢާމަލާތެއްގެ ގޮތުގައި ސިފަކުރަމުން، ލޯބިން ފުރިގެންވާ މިއުޒިކީ ދައުވަތަކަށް ލިބޭނެ އެންމެ ފުރިހަމަ މިސާލަކީ މިއީ ކަމަށް ބުނެ އޭނާ ވަނީ އެކަމަށް ތައުރީފުކޮށްފައެވެ.

މި އަހަރުގެ އޮގަސްޓް މަހު އޮޕަރޭޝަން ތިއޭޓަރުގައި އޮވެ ސޯނޫގެ ސާޖަރީ ކުރުމަށް ތައްޔާރުވި މެޑިކަލް ޓީމަށް ލަވައެއް ކިޔައިދެނީ--ފޮޓޯ/އިންޑިއާޓުޑޭ

މި މިއުޒިކީ ހަރަކާތް އެންމެ ފޯރިގަދަވެގެން ދިޔައީ މަތިންދާބޯޓު މުމްބާއީއަށް ޖެއްސުމަށްފަހުގައެވެ. ބޯޓު ޖައްސައި ސީޓް ބެލްޓް ނިޝާން ނިއްވާލުމުންވެސް، ބޯޓުން ފޭބުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ތިބީ ސޯނޫގެ އަޑުން ލަވައެއް އަޑުއަހާލުމުގެ އުންމީދުގައި ގޮނޑިތަކުގައި އިށީނދެގެންނެވެ.

ފަސިންޖަރުންގެ މި އެދުމަށް އިޖާބަދެމުން ސޯނޫ ވަނީ ބޯޓުގެ މައިކްރޯފޯން ނަގައި، އެންމެންނަށްޓަކައި އޭނާގެ މަޝްހޫރު ގިނަ ލަވަތަކެއް ހުށަހަޅައިދީ މުޅި ބޯޓު ކުޑަ ކޮންސަޓް މާލަމަކަށް ބަދަލުކޮށްލާފައެވެ. އެގޮތުން ސޯނޫގެ މިއުޒިކީ ކެރިއަރުގެ އެންމެ މަޤުބޫލު ބައެއް ލަވަތައް އޭނާ ވަނީ މަތިންދާ ބޯޓުތެރޭ ހުރެ ހުށަހަޅައިދީފައެވެ. މި ކުއްލި ކޮންސަޓް ފެނި ފަސިންޖަރުން އުފަލުން ފޮޅި، އެ އުފާވެރި ވަގުތުކޮޅު ފޯނުތަކުގައި ރެކޯޑްކުރަމުން ދިޔައިރު މުޅި ބޯޓު ތެރޭގައި އޮތީ އީދެއް ފަދަ އުފާވެރި މާހައުލެކެވެ.

މި ހާދިސާއަށްފަހު ބޯޓުގައި ތިބި އެންމެންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން ސޯނޫ ބުނެފައިވަނީ، އެއީ ހަމައެކަނި ހުވަފެނަކުން ނޫނީ ނުފެންނާނެ ފަދަ ފުން ލޯތްބެއް ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯތަކުން ފެނިގެންދަނީ ފަންނާނަކާއި އޭނާގެ ސަޕޯޓަރުންނާ ދެމެދު އޮންނަ ގާތް ގުޅުމެވެ. ކޮންމެ މާހައުލެއްގައިވެސް މިއުޒިކްގެ ޒަރީއާއިން އުފާވެރިކަން ފަތުރާލުމަކީ ސޯނޫގެ ޚާއްޞަ ސިފައަކަށްވާއިރު، މި އަހަރުގެ އޮގަސްޓް މަހު އޭނާ ކުރި ސާޖަރީއެއް ފެށުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރުގައި އޮވެގެންވެސް މުޙައްމަދު ރަފީޢުގެ ލަވައެއް ކިޔައި، އެ ތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާ ވަނީ ހިތްހަމަޖެހުން ގެނެސްދީފައެވެ.

comment ކޮމެންޓް