ގޭމިން ދުނިޔޭގައި ބޮޑު ރެކޯޑެއް މުގުރާލި ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) ރަސްމީކޮށް ނެރުނު ނަމަވެސް، ސްޓީމް އާއި ރޯބްލޮކްސް ފަދަ އެހެން ގޭމިން ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން އާ ރިޕޯޓަކުން ދައްކައިފިއެވެ.
ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް އަށް ނެރުނު މި ގޭމް، ޕްރީ-އޯޑަރު މަރުހަލާގައި އެކަނިވެސް 32.5 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު، މި ގޭމަށް ވަނީ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެހެންނަމަވެސް، ގޭމިން ހަބަރުތައް ގެނެސްދޭ ގޭމް ފައިލް އިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖީޓީއޭ 6 ނެރުމާ ގުޅިގެން ސްޓީމް އާއި ރޯބްލޮކްސް އިން މަދުވީ އެންމެ ދެތިން ލައްކައެއްހާ ކުޅުންތެރިންނެވެ.
މިގޮތުން ނޮވެމްބަރު 20 ވަނަ ދުވަހު ސްޓީމްގައި އެއްފަހަރާ 11.4 މިލިއަން މީހުން ގޭމް ކުޅެފައިވާއިރު، އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ 11.7 މިލިއަނުގައެވެ.
މީގެއިތުރުން ރޯމޮނިޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރު 19 ވަނަ ދުވަހު 9.6 މިލިއަން މީހުން ރޯބްލޮކްސް ކުޅެފައިވާއިރު، އޭގެ ހަފުތާއެއް ކުރިން އެ އަދަދު ހުރީ 9.7 މިލިއަނުގައެވެ.
މި ގޭމަށް ޓްވިޗް އަދި ސޯޝަލް މީޑިއާގައި އާދަޔާ ހިލާފު ބޮޑު ސަމާލުކަމެއް ލިބިފައިވީ ނަމަވެސް، ސްޓީމް އާއި ރޯބްލޮކްސްގެ ކުޅުންތެރިންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވަނީ ޖީޓީއޭ 6 އަދި ރަސްމީކޮށް ޕީސީ އަދި މޮބައިލް ޕްލެޓްފޯމްތަކަށް ނެރެފައި ނުވާތީ ކަމަށް ބެލެވެއެވެ.
މިކަމުން ދޭހަވަނީ ވީޑިއޯ ގޭމް ކުޅޭ އޯޑިއަންސްގެ ބޮޑުކަމާއި ތަފާތުކަން ކަމަށާއި، ތާރީހުގައިވެސް އެންމެ ބޮޑު ގޭމެއް ނެރުނު ކަމުގައިވިޔަސް އެހެން ޕްލެޓްފޯމްތަކުގައި ހުރި ގޭމްތަކަށް އޮންނަ ޝައުގުވެރިކަން ނުގެއްލޭކަން ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ނަމަވެސް ކުރިއަށް އޮތްތަނުގައި ޖީޓީއޭ 6 ޕީސީ އަށް ނެރޭ ދުވަހަކުން ސްޓީމް ބޭނުންކުރާ މީހުންގެ އަދަދަށް އަންނާނެ ބަދަލަކާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.