މަޝްހޫރު ބައިނަލްއަޤްވާމީ މަޖައްލާ 'ޓައިމް'އިން އަލަށް އެކުލަވާލި "ޓައިމް 100 ނެކްސްޓް އިންޑިއާ" ލިސްޓުގައި ބޮލީވުޑްގެ ޒުވާން ޑައިރެކްޓަރު އާރްޔަން ޚާން އާއި ފިލްމު ޑައިރެކްޓަރުން ކަމަށްވާ ޕާޔަލް ކަޕާޑިއާ އަދި ތޭޖާ ރިއޯ ހިމެނިއްޖެއެވެ.
މިއީ އެކި ދާއިރާތަކުން އިންޑިއާގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އިސްދައުރެއް އަދާކުރާ އުންމީދީ ލީޑަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ނެރުނު ފުރަތަމަ ލިސްޓެވެ.
މި ލިސްޓުގައި މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ލަވަކިޔުންތެރިން ކަމަށްވާ ދިލްޖީތު ދޯސާންޖް އަދި އަނިރުދު ރަވިޗަންދަރު ފަދަ ފާހަގަކޮށްލެވޭ ފަންނާނުން ވެސް ހިމެނެއެވެ. މި ލިސްޓު އާންމުކުރުމާއެކު ނެރުނު ޚާއްޞަ ކަވަރުތަކުގެ ތެރެއިން އެއް ކަވަރުން އާލިއާ ބަޓް ފެނިގެންދާއިރު، އާރްޔަން ޚާން، ޕާޔަލް ކަޕާޑިއާ އަދި "އަންގް" ފިލްމުން މަޝްހޫރުކަން ހޯދި ތޭޖާ ރިއޯ ފެނިގެންދަނީ އެއް ކަވަރަކުންނެވެ.
ފިލްމީ ދާއިރާއިން މި ލިސްޓުން ޖާގަ ހޯދި އެހެނިހެން ތަރިންގެ ތެރޭގައި ޖިތެންދުރަ ކުމާރު، ސަމަންތާ ރުތު ޕްރަބޫ، އަލީ ފަޒަލް، ސާއި ޕައްލަވީ، އިޝާން ޚައްތަރު، ނަޔަންތާރާ، ވޭދާންގް ރައިނާ، ވިކީ ކޯޝަލް، ޕާރްވަތީ ތިރުވޯތު އަދި ޒަހާން ކަޕޫރު ހިމެނެއެވެ. އަދި ޑައިރެކްޓަރުން ކަމަށްވާ ޕާ ރަންޖިތު އާއި އަނޫޕަރްނާ ރޯއީގެ އިތުރުން އާޓިސްޓުން ކަމަށްވާ އާރުޝީ މުދްގަލް އާއި އިޕްޝިތާ ޗަކްރަބަތީ ސިންގް ވެސް މި ޝަރަފުވެރި ލިސްޓުގައި ވަނީ ހިމެނިފައެވެ.
"ޓައިމް 100 ނެކްސްޓް އިންޑިއާ"ގައި ހިމެނޭ ބައެއް ފިލްމީ ފަންނާނުން-- ފޮޓޯ/ އިންޑިއާޓުޑޭހަމައެއާއެކު މިޔުޒިކީ ދާއިރާއިން އަނިރުދު އާއި ދިލްޖީތުގެ އިތުރުން އަރިވޫ، ފަހީމް އަބްދުﷲ، އިޝާން ގޯޝް، ޖަސްލީން ރޯޔަލް އަދި ޕްރަތީކް ކުހާދު ވަނީ ފާހަގަކޮށްލެވިފައެވެ. މި ލިސްޓު އިފްތިތާޙުކުރުމުގެ އުފާފާޅުކުރުމަށް އަންނަ މަހުގެ 12 ވަނަ ދުވަހު މުމްބާއީގައި ޚާއްޞަ ހަފްލާއެއް ބޭއްވުމަށް ޓައިމް މަޖައްލާއިން ވަނީ ނިންމާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ތޭޖާ ރިއޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އޭނާގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވި މީހުންނާއި ސަޤާފަތަށް ލިބުނު ބަލައިގަތުމެއް ކަމަށެވެ. މި ކާމިޔާބީގެ ސަބަބުން އިންޑިއާގެ އިރުއުތުރު ސަރަޙައްދުން އުފެދެމުން އަންނަ އުފެއްދުންތެރި އަޑުތަކާއި ވާހަކަތަކަށް އިތުރު ސަމާލުކަމެއް ލިބި، ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ގިނަ ބަޔަކަށް ހިތްވަރު ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިއީ އަބަދުވެސް އާ ކަންކަން ދަސްކޮށް، މުހިންމު ވާހަކަތައް ކިޔައިދިނުމުގައި ދެމިހުރުމަށް ލިބުނު ހަނދާންކޮށްދިނުމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.