ދެކުނު އިންޑިއާގެ ބަތަލާ ސަމަންތާއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ދެކުނު އިންޑިއާގެ ބަތަލާ ސަމަންތާ، ފިރިމީހާ ރާޖްއާ އެކު-- ފޮޓޯ: އިންޑިއާޓުޑޭ

ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އާއި ކުޅަދާނަ ޑައިރެކްޓަރު ރާޖް ނިދިމޯރޫގެ އާއިލާއަށް އަލަތު ދަރިފުޅު ލިބި، ދެ ތަރިންގެ ދިރިއުޅުމަށް އާ އުފާވެރިކަމެއް ގެނެސްދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުފަންވި މި ދަރިފުޅުގެ ޚަބަރު، ދެ ތަރިން ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރީ އިއްޔެއެވެ. ޕޯސްޓުގައި އެ ދެމީހުން ހާމަކޮށްފައިވާ ގޮތުގައި، ލިބުނީ ފިރިހެން ކުއްޖެކެވެ. އަދި ދަރިފުޅަށް "ދޭވް ނިދިމޯރޫ"ގެ ނަމުން ނަންދީފައިވާއިރު، ދަރިފުޅު އުފަންވި ދުވަހަކީ އެ ދެމީހުންގެ ހަޔާތަށް މިހާތަނަށް އައި އެންމެ ބޮޑު އުފާވެރިކަން ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކޮށް ސަމަންތާ ސޯޝަލް މީޑިއާގައިކޮށްފައިވާ ޕޯސްޓުގެ ފޮޓޯއެއް-- ފޮޓޯ/އިންޑިއާޓުޑޭ

ސަމަންތާ އާއި ރާޖްއަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކުރުމާ އެކު ފިލްމީ ދާއިރާގެ އެކި ފަރާތްތަކުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އެ އާއިލާއަށް ހޫނު މަރުހަބާއަކާއެކު ތަހުނިޔާ ކިޔަމުންނެވެ. ކައިވެންޏަށް ހަ މަސް ފަހުން، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަމަންތާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން ރަސްމީކޮށް އިއުލާންކުރި ހިސާބުން ފެށިގެން ވެސް ސަޕޯޓަރުން ތިބީ މި ދުވަހުގެ އިންތިޒާރުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސަމަންތާ އާއި ރާޖްގެ ވެސް ދެވަނަ ކައިވެންޏެވެ. ސަމަންތާ ކުރިން ތެލުގޫ އެކްޓަރު ނާގާ ޗައިތަންޔާއާ ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވެފައިވާއިރު، ރާޖް އޭނާގެ ކުރީގެ އަނބިކަނބަލުން ޝްޔާމަލީ ދޭއާ ވަކިވެފައި ވަނީ 2022 ވަނަ އަހަރުއެވެ.

ސަމަންތާ އަކީ، ދެކުނު އިންޑިއާގެ އެންމެ ޑިމާންޑު ބޮޑު އަދި އަގުބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ތަރިއެކެވެ. ހަމައެއާއެކު، ސަމަންތާގެ ފިރިމީހާ ރާޖް އަކީ ވެސް ފިލްމު އިންޑަސްޓްރީގެ އެންމެ ހުނަރުވެރި އުފެއްދުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.

comment ކޮމެންޓް