ބިދޭސީންގެ ޖޫރިމަނާއާއި ފީން، ދައުލަތަށް 565 މިލިއަން ރުފިޔާ ނުލިބި ހުރިކަން ހާމަވެއްޖެއެވެ.
ހޯމް މިނިސްޓްރީން އަންނަނީ، ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން ބުނީ، ނޮވެންބަރު 17، 2023ގައި ވެރިކަމާ ހަވާލުވިއިރު، ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި ހުރި ކަމަށެވެ.
އެކަމަކު، މިދިޔަ މުއްދަތުގެ ތެރޭގައި އެ އަދަދު 67 ޕަސެންޓު ކުޑަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މިހާރު ދައުލަތަށް ނުލިބި ހުރީ 565 މިލިއަން ރުފިޔާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް، މިހާތަނަށް ދައުލަތަށް ބިދޭސީންގެ ފީއާއި ކޯޓާގެ ގޮތުގައި ލިބިފައިވާ އަދަދުގެ ތަފުސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ މާ ގިނަ ދުވަސްތަކެއް ނުވެ، "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހޯމް މިނިސްޓްރީން ހަރަކާތެއް ފެށިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ މިހާރު ވަނީ އެއްކުރެވިފައެވެ. އެއީ، ދުނިޔޭގެ ގައުމުތަކުގެ ނިސްބަތަަށް ބަލާއިރު އެންމެ އެއް ޕަސެންޓު ގައުމުން ހާސިލްކޮށްފައިވާ ކާމިޔާބީއެއް ކަމަށް އެ ރޭ އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވެފައެވެ.