ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގްވާމީ މުޢާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިޔަންމާއާ ދެކޮޅަށް ނެރުނު ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ މަރުޙަބާ ދަންނަވައިފިއެވެ.
ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން ޢަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މި ހުކުމަކީ ނަސްލު ނައްތާލުމާ ދެކޮޅު މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ ގާނޫނީ ޒިންމާތައް ދެމެހެއްޓުމަށާއި، ސުލްޙަވެރި އަދި ޝަރުޢީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭގެ މުހިންމު ދައުރު މި ނިންމުމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
https://x.com/MMuizzu/status/2123405534045061417
"ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގްވާމީ މުޢާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން ނެރުނު ހުކުމަށް އަޅުގަނޑު މަރުޙަބާ ކިޔަން،" ރައީސް ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އެއް ގައުމުގެ ހައިސިއްޔަތުން، ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތްތައް ކުރިއެރުވުމުގައި ދިވެހިރާއްޖެއިން ދެމިއޮތް ސާބިތު ޢަޒުމް ރައީސް ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.
މީގެއިތުރުން މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނީ ޒިންމާތަކަށް އިޙްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޖަވާބުދާރީކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ އެކުއެކީގެ މަސައްކަތާއި ޢަޒުމް ބޭނުންވާކަމަށް ވިދާޅުވެ، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް އެންމެހައި ގައުމުތަކުން އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި، އިންސާފު ގާއިމުކުރުމަށް، އަދި ނަސްލު ނައްތާލުން ހުއްޓުވުމުގެ މަސައްކަތްތަކަށް އެއްބާރުލުންދީ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ޤައުމުތަކަކަށް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.
މި މައްސަލައަކީ ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، 11 ނޮވެންބަރު 2019 ގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ގެމްބިއާއިން އެދުނީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރޮހިންގާ މީހުންނަށް އަމާޒުކޮށް ހިންގާ ގާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި އަދަބު ދިނުމަށެވެ.
މިޔަންމާ އަސްކަރިއްޔާއިން ބުނަމުން ދިޔައީ އެއީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އާސާ)ގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10,000 އެއްހާ މީހުން މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާކޮށް، ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.
މި މައްސަލައަށް ތަދައްޚުލުވުމަށް ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަނާ ގުޅިގެން، 3 ޖުލައި 2024 ގައި އައިސީޖޭއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދީފައެވެ.
އެއާއެކު، ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ފަރާތްޕުޅުން އައިސީޖޭއަށް ލިޔުން ހުށަހަޅުއްވައި، މުޢާހަދާގެ މާއްދާތައް މާނަކުރުމަށާއި، ޚާއްސަކޮށް ގަތުލުއާންމުގެ މައްސަލަތަކުގައި އަދަބު ދިނުމާ ގުޅޭ "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް ރާއްޖެއިން ވަނީ އަލިއަޅުވާލާފައެވެ.
އދ.ގެ ހިސާބުތައް ދައްކާ ގޮތުން، ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ރޮހިންގާ މީހުންގެ އަދަދު މިހާރު 1.3 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.