ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ވައި ނުސާފުވާނެ

މާލެ ސަރަހައްދަށް ވައި ނުސާފުވެފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

މި ވަގުތު މުޅި ރާއްޖެއަށް ވެސް ވައި ނުސާފު ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހަށް ވައިގެ ނުސާފުކަން ދެމިގެންދާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

ރާއްޖެއަށް ވައި ނުސާފުވުމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނި ގޮތުގައި އިރުވައި މޫސުމާ ގާތްވުމުން އާންމު ގޮތެއްގައި ވައި ފުސްވި ނަމަވެސް، އަދި އިރުވައި މޫސުން ފެށިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވެފައިވަނީ އިންޑިއާ ސަރަހައްދުން ޖެހެމުން އަންނަ ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ބުންޏެވެ.

އެއާއެކު، އާންމު ގޮތެއްގައި ރާއްޖޭގެ ދެކުނަށް ވައި ސާފުވީނަމަވެސް މި ދުވަސްވަރު ދެކުނަށް ވެސް ވައި ނުސާފުވެފައިވާކަމަށް މެޓް އޮފީހުން ބުންޏެވެ.

މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ރޭޓިން އުޅޭ ގޮތަށް ބަލާއިރު، އާންމު ގޮތެއްގައި އުޅެނީ މޮޑެރޭޓް (އިންޑެކްސްގައި 51 އާއި 100 އާ ދެމެދު) ގައި ކަމަށް މެޓުން ބުންޏެވެ. އަދި ކުރިއަށްއޮތް ދެ ދުވަހު ވެސް ރޭޓިން ދާދި އެއްގޮތްވާނެ ކަމަށާއި ނަމަވެސް އެއަށްވުރެ ކޮލިޓީ ދަށްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މެޓުން ބުންޏެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއްކަމަށްވާ އައިކުއެއާއިން ދައްކާގޮތުގައި ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެ ގިންތީގައި ހުންނަ ނަމަ، ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ވައި ނުސާފުވާ މިންވަރު އެންމެ ނުރައްކާތެރި ވާނީ 300 އަށްވުރެ މައްޗަށް ދިޔުމުންނެވެ. މިހެންވުމުން ސިއްހީ ގޮތުން އެންމެންނަށް ވެސް އަސަރުކުރާއިރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެއެވެ.

https://sun.mv/229714

ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރެވެ. އެހެންވެ، ވައި ނުސާފުވެއްޖެ ނަމަ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން އެދެވިގެންވެއެވެ.

comment ކޮމެންޓް