ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސާބިތުވެ، ހއ. ހޯރަފުށީ މީހަކު 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވަނީ ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުޑަކުއްޖަކަށް ނާއިޝް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 14 ގައެވެ.
މި މައްސަލަ ބެލުމަށްފަހު، ހޯމަ ދުވަހު ކޯޓުން ކުރި ޙުކުމުގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.
ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.