އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެއްތަނަކުން ބައްދަލުވެވަޑައިގަންނަވާ އެންމެ އިންތިޒާރުކުރެވޭ ޑިޕްލޮމެޓިކް ބައްދަލުވުމާއެކު، މިއަހަރުގެ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓް ބާއްވާ މަންޒިލަކަށް ޗައިނާގެ ދެކުނު އައްސޭރީގައި އޮންނަ ޝެންޖެން ހަމަޖެއްސުމާ ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން އެ ސިޓީއަށް ވަނީ ހުއްޓިފައެވެ.
މެނީލާގައި ބޭއްވުނު އާސިއާން ސަމިޓަށްފަހު، ރައީސް ޓްރަމްޕް މި ސިޓީއަށް ކުރައްވާ ދަތުރުފުޅާއެކު، އެމަނިކުފާނު ވާނީ ޝެންޖެންއަށް ޒިޔާރަތްކުރައްވާ އެމެރިކާގެ ފުރަތަމަ ރައީސަށެވެ.
އެހެންނަމަވެސް، މީގެ ކުރިން ކުޑަ މަސްވެރި އަވަށެއްގެ ގޮތުގައި އޮތް ޝެންޖެން، މިފަދަ ބޮޑު ތާރީޚީ ސަމިޓެއް ބޭއްވުމަށް ޗައިނާއިން ހިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟
ކުޑަ މަސްވެރި އަވަށަކުން "ހުވަފެނީ ސިޓީ" އަށް
މާޒީއަށް ބަލާއިރު، "ބާއޯއާން" ގެ ނަމުން މަޝްހޫރުވި ޝެންޖެންއަކީ އާދައިގެ މަސްވެރި އަވަށްތަކަކާއި ދަނޑުވެރިކަން ކުރަމުން އައި ސަރަހައްދެކެވެ. ނަމަވެސް، 1979 ވަނަ އަހަރު ޗައިނާގެ އޭރުގެ ލީޑަރު ޑެންގް ޝިއާއޯޕިންގް، މި ރަށް ޗައިނާގެ އެންމެ ފުރަތަމަ ޚާއްސަ އިގްތިސާދީ ޒޯނަކަށް (އެސްއީޒެޑް) ބަދަލުކޮށް، ވިޔަފާރީގެ މިނިވަންކަން ދިނުމާއެކު މި ސިޓީއަށް ބޮޑު އިންގިލާބެއް އައެވެ.
މިއަދު ޝެންޖެން އަކީ ނިއުޔޯކަށްވުރެ ވެސް އުސް އިމާރާތްތައް ގިނަ، 18 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ މެޓްރޮޕޮލިސްއެކެވެ. ދުނިޔޭގެ ފަސްވަނައަށް އެންމެ އުސް އިމާރާތް ކަމަށްވާ "ޕިންގް އާން ފައިނޭންސް ސެންޓަރު" ވެސް ހުންނަނީ މި ސިޓީގައެވެ. މަގުމަތިން ޑްރައިވަރަކާ ނުލައި ދުއްވާ ޓެކްސީތަކާއި، ރޮބޮޓްތަކުގެ އިތުރުން، ކާބޯތަކެތި ޑެލިވަރީ ކުރަން އުދުހޭ ޑްރޯންތައް ފެންނަ މި ސިޓީއަކީ 3.87 ޓްރިލިއަން ޔުއާންގެ ޖީޑީޕީއަކާއެކު، ޗައިނާގެ ތިންވަނައަށް އެންމެ މުއްސަނދި ސިޓީއެވެ.
އެމެރިކާގެ "ސިލިކަން ވެލީ" އާ ވާދަކުރާ ޓެކްނޮލޮޖީގެ ބާރު
އޭޕެކް ސަމިޓް މި ސިޓީގައި ބޭއްވުމުގެ އެންމެ މުހިންމު ސަބަބަކީ، ޗައިނާގެ ޓެކްނޮލޮޖީގެ ކުރިއެރުމާއި ގާބިލުކަން ދުނިޔެއަށް ދައްކާލުމެވެ. އެމެރިކާގެ މަޝްހޫރު ސިލިކަން ވެލީއާ ވާދަކުރާ ޝެންޖެން އަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ މައި މަރުކަޒެވެ.
މީގެ ތެރޭގައި ދުނިޔޭގެ ޓެކްނޮލޮޖީގެ ބަވަނަ ކުންފުނި ހުއާވޭ (Huawei)، އިލެކްޓްރިކް ކާރު އުފެއްދުމުގައި ޓެސްލާ ފަހަތަށް ޖައްސާލި ބީވައިޑީ (BYD)، ދުނިޔޭގެ އެންމެ ބޮޑު ޑްރޯން އުފައްދާ ޑީޖޭއައި (DJI) އަދި ޓެންސެންޓް (Tencent) ފަދަ ކުންފުނިތަކުގެ މައި އޮފީސްތައް ހިމެނެއެވެ. މި ސަމިޓުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެސް ބީވައިޑީ ކުންފުނީގެ އެންމެ ޒަމާނީ އިލެކްޓްރިކް ވެހިކަލްތަކެވެ.
ޗައިނީސް އެކެޑަމީ އޮފް ސޯޝަލް ސައިންސަސްގެ ތަޖުރިބާކާރެއް ކަމަށްވާ ޝޫ ލީޕިންގް ވިދާޅުވި ގޮތުގައި، ޝެންޖެން ވަނީ "ދުނިޔޭގެ ފެކްޓަރީ" އެއްގެ ދަރަޖައިން "އީޖާދުތަކުގެ އިންޖީނު" އަކަށް ބަދަލުވެފައެވެ. އަދި ރައީސް ޝީ ބޭނުންފުޅުވަނީ ދުނިޔޭގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެސް ޗައިނާގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަނަވަސްކަމާއި ފުރުސަތުތައް ސިޓީ މެދުވެރިކޮށް ދުނިޔެއަށް ސާބިތުކޮށްދެއްވުމަށެވެ.
ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް
ޓެކްނޮލޮޖީގެ އިތުރުން ޝެންޖެންއަކީ ބޭރުގެ ފަތުރުވެރިންގެ މެދުގައި ޗައިނާގެ ދެވަނައަށް އެންމެ މަގުބޫލު މަންޒިލެވެ. ވޭތުވެދިޔަ 2025 ވަނަ އަހަރު އެކަނިވެސް ދެ މިލިއަނަށް ވުރެ ގިނަ ބޭރުގެ ފަތުރުވެރިން އެ ސިޓީއަށް ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިންގެ ހިތް ދަމައިގަންނަ އެންމެ ބޮޑު ސިއްރަކީ، އެހާ ބޮޑެތި އުސް އިމާރާތްތަކާއި ޒަމާނީ ވަސީލަތްތައް ހުރި ނަމަވެސް، މަގުމަތީގެ ސާފުތާހިރުކަމާއި، އޮންނަ ހަމަހިމޭން އަމާން މާހައުލެވެ.
އެހެންކަމުން، ޗައިނާއިން އޭޕެކް ސަމިޓް ޝެންޖެންގައި ބޭއްވުމަކީ ހަމައެކަނި ބައްދަލުވުމެއް ބޭއްވުމެއް ނޫނެވެ؛ އެއީ މުޅި ދުނިޔެއަށް ޗައިނާގެ މުސްތަގުބަލާއި، ޓެކްނޮލޮޖީގެ ބާރު އަދި އިގްތިސާދީ ކާމިޔާބީ ރަމްޒުކޮށްދިނުމަށް އެ ގައުމުން ކުޅުނު މޮޅު ޑިޕްލޮމެޓިކް ކާޑެކެވެ.