ދިވެހި ޒުވާނުން ޖީޓީއޭ 6އަށް ވަގުތު ކުޑަތަންވާތީ ކެތްމަދުވެފައި

ޓީވީ ސްކްރީނު ކުރިމަތީގައި އޮތް ޕްލޭސްޓޭޝަން 5 (ޕީއެސް 5) ގެ ކޮންޓްރޯލަރުގައި އަތް ޖައްސާލައިގެން އިނދެ، އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ހެނދުނުގެ ސައި ތަށި ކައިރީގައި ހުއްޓަސް، މުޅި ސަމާލުކަން ހުއްޓިފައިވަނީ ގަޑީގެ ކަށި ހެނދުނު 10:00 އާ ހަމައަށް ދާނެ ވަގުތަކަށެވެ. މިއީ މިއަދު ރާއްޖޭގެ އެތައް ޒުވާނުންނެއްގެ ގޭގެ ސިޓިންރޫމާއި ކޮޓަރިތަކުން ފެންނަމުންދާ މަންޒަރެވެ. މުޅި ދުނިޔޭގެ ގޭމް ކުޅޭ ފަރާތްތަކުން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައި ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) ރިލީސްކުރާ ވަގުތު ކުޑަތަންވަމުން އަންނާތީ، ދިވެހި ޒުވާނުން ދަނީ އެ ވަގުތަށް ކެތްމަދުވަމުންނެވެ.

އެމެރިކާގެ އެކައުންޓް ގެންގުޅޭ ދިވެހި ޒުވާނުންނަށް، މިއަދު ރާއްޖޭ ގަޑިން ހެނދުނު 10:00 ޖަހާއިރު ރޮކްސްޓާ ގޭމްސްއިން މި ގޭމް ރަސްމީކޮށް ރިލީސްކުރާއިރު، މި ވަގުތު މި ރިއަލިސްޓިކް ގޭމް ކުޅެވެނީ ޕީއެސް 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް އަދި އެސް ކޮންސޯލްތަކުންނެވެ. ސްޓޭންޑަޑް އެޑިޝަންގެ އިތުރުން އިތުރު ފީޗާތަކާ އެކު ނެރޭ އަލްޓިމޭޓް އެޑިޝަން ޑައުންލޯޑްކުރުމަށް ސަތޭކައެއްހާ އެމެރިކާ ޑޮލަރު ހޭދަކުރަންޖެހެއެވެ. ކޮމްޕިއުޓަރު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް މީގެ ޕީސީ ވާޝަން ނުކުންނާނީ އަދި ފަހުންނެވެ. ޕީސީ ގޭމާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޮކްސްޓާ ގޭމްސްގެ އެންމެ ފަހުގެ ބޮޑު ތިން ގޭމް ކޮންސޯލްތަކަށް ނެރުނު ފަހުން ޕީސީއަށް ނެރުމަށް ހަތް މަހާއި 19 މަހާ ދެމެދުގެ މުއްދަތެއް ވަނީ ނަގާފައެވެ.

މި ގޭމަށް ދިވެހި ޒުވާނުންގެ މެދުގައި މިހާ ބޮޑު ފޯރިއެއް އުފެދިފައިވަނީ މިއީ މި ޖީލުގެ ޒުވާނުން ކުޑައިރު ކުޅެމުން އައި، އެ މީހުންގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ސީރީޒެއް ކަމަށް ވާތީއެވެ. މި ސީރީޒްގެ އެންމެ ފަހުގެ ބައި ކަމަށްވާ ޖީޓީއޭ 5 ރިލީސްކޮށްފައިވަނީ ސެޕްޓެންބަރު 17، 2013 ގައެވެ. އޭގެ ފަހުން 13 އަހަރާއި ދެ މަހަށް ވުރެ ގިނަ ދުވަސް، ނުވަތަ 4،811 ދުވަސް ފާއިތުވެގެން ދިޔައިރު، އޭރު ސްކޫލް ދައުރުގައި ތިބި ކުދިން މިއަދު ވަނީ ބޮޑެތިވެ ވަޒީފާގެ މާހައުލަށް ނުކުމެފައެވެ. އެހެންކަމުން، ވައިސް ސިޓީގެ މަގުތަކަށް އަލުން އެނބުރި ދިއުމަށް ލިބޭ މި ފުރުސަތަކީ އެތައް ޒުވާނުންނަކަށް މާޒީގެ އުފާވެރި ހަނދާންތައް އާކޮށްދޭ ކަމެކެވެ.

މި ދިގު އިންތިޒާރު ނިމުމަކަށް އަންނަ ވަގުތު ގޭމް ކުޅެން ފެށުމަށްޓަކައި ރާއްޖޭގެ ގިނަ ޒުވާނުން ވަނީ ދުރާލައި ތައްޔާރުވެފައެވެ. އެގޮތުން، ގޭމް ރިލީސްވާ ތަނުން ވަގުތުން ކުޅެން ފެށުމަށްޓަކައި މިއަދު ގިނަ ޒުވާނުން މަސައްކަތަށް ނުނިކުމެ، ނުވަތަ އޮފީހަށް ގޮސް ސޮއިކޮށްލުމަށް ފަހު އެނބުރި އައިސް ގޭގައި ތިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އޮފީސް މާހައުލުން މިއަދު ފެންނަ މި ހަލަބޮލިކަމަކީ ހަމައެކަނި ރާއްޖެއަށް ހާއްސަ ކަމެއް ނޫނެވެ.

އެނަޑޯލޫ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގައި ވަޒީފާ އަދާކުރާ ގޭމަރުންގެ ތެރެއިން 39 އިންސައްތަ މީހުން ވަނީ މި ގޭމް ނުކުންނަ ދުވަހަށް ޗުއްޓީ ނެގުމަށް ރާވާފައެވެ. އަދި ބައެއް މުވައްޒަފުން އަހަރީ ޗުއްޓީ ނަގާއިރު، އަނެއް ބަޔަކު ސަލާމް ބުނުމަށް ވިސްނާފައިވާކަން ސާވޭތަކުން ހާމަވެއެވެ. މާކެޓް ރިސާޗް ފާމެއް ކަމަށްވާ ސެންސާ ޓަވަރުން ލަފާކުރާ ގޮތުގައި، ގޭމް ނެރުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 10 މިލިއަނަށް ވުރެ ގިނަ ޑިޖިޓަލް ކޮޕީ ވަނީ ޕްރީ-އޯޑަރު ކޮށްފައެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ ޕީއެސް 5 އެވެ.

ގަޑިން ހެނދުނު 10:00 ޖެހުމާ އެކު، ޕީއެސް 5 ގެ ސްކްރީނުތަކުން 13 އަހަރުގެ ކައުންޓްޑައުން ނިމި، އާ ފެށުމަކަށް ދޮރު ހުޅުވިގެންދާނެއެވެ. ކުޑައިރު ކުޅުނު ގޭމެއްގެ އާ ބަޔަކަށް މުޅި ޖީލެއް ކުރި ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ.

comment ކޮމެންޓް