މަރަށް މަރު ހިފަން އެންމެ ގާނޫނެއް ނޫން، އެތައް ގާނޫނެއް ބޭނުން

މިއަހަރުގެ މިހާތަނަށް ނުވަ މީހަކު ވަނީ އަނިޔާވެރިންގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފަ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރައްޔިތުން ގޮވަމުން އަންއިރު ސަރުކާރުން ވަނީ "މަރަށް މަރުގެ" އަދަބު ތަންފީޒު ކުރަށް ފަށާނެކަމުގެ އިޝާރާތެއްކޮށްފަ އެވެ. "މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ކަންކުރާނޭ ގޮތްތައް ކަނޑައަޅާ" ގާނޫނެއް ހެދުމަށްކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިހާރު އުފެދޭ ސުވާލަކީ، މަރުގެ މައްސަލަތަކުގައި ޝަރުއީ މަރުހަލާތަކުގައި އަމަލު ކުރާނެ ގޮތުގެ ގާނޫނެއް ފާސް ކުރުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްތަކެއް އޮތް ކަމަށް ބުނެވޭ ބުނުންތަކަށް ނިމުމެއް އައިސް އެ ހުކުމް ދެން ތަންފީޒު ކުރެވޭނެ ބާ އެވެ؟

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ މަރުހަލާގައި އަމަލު ކުރާނެ ގޮތުގެ ގާނޫނު ބޭނުމެއް ނޫނެވެ. އޭނާ ސަބަބެއް ކަމަށް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ޝަރީއަތް ކުރުމުގެ އުސޫލުތަކެއް މިހާރު ވެސް ކަނޑައެޅިފައި އޮންނާތީ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މިހާރު އުސޫލުތައް ހަމަޖެހިފައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ ހުކުމެއް ދަށު ކޯޓަކުން އިއްވި ނަމަވެސް އެމީހާ އެ ހުކުމް އިސްތިއުނާފު ނުކުރާހާ ހިނދަކު އެހުކުމްތައް ހައިކޯޓާއި ސުޕްރް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯވެ އެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް ގާނޫނުގައި ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ.

އޭނާ ދެކޭގޮތުގައި ޝަރީއަތުގެ މަރުހަލާގައި އަމަލު ކުރާ އުސޫލުތައް ކަނޑައަޅާ ގާނޫނަކަށް ވުރެ ބޮޑަށް މީހަކު މެރުމަށް ދަށު ކޯޓަކުން ކުރާ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް ތަންފީޒު ކުރަންވީ ގޮތުގެ އުސޫލެއް ކަނޑައަޅާ ގާނޫނެއް ފާސް ކުރުން މާ މުހިންމެވެ.

"މަރުގެ ހުކުމް ދަށުކޯޓަކުން މީހެއްގެ މައްޗަށް އިއްވުމުން ދައުވާ ލިބޭ ފަރާތުން އިސްތިއުނާފު ނުކުރާ ހާލަތުގައި އެ ހުކުމް ދައުލަތުން އިސްތިއުނާފު ކުރާނެތޯ ނުވަތަ ނޫންތޯ އަދި އޭގެ ފަހުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކުރުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާ އެކު އަދި ސުޕްރީމް ކޯޓުން އެފަދަ ހުކުމަކަށް ތާއީދު ކޮށްފި ހިނދެއްގައި އެ ހުކުމް ތަންފީޒު ކުރާނެ އުސޫލުތަކެއް ކަނޑައަޅާ ގާނޫނެއް ބޭނުން ވަނީ،" ޝާހު ވިދާޅުވި އެވެ.

ނަމަވެސް ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދާމްގެ ވިސްނުން ކުޑަކޮށް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން މަރުގެ މައްސަލަތަކުގައި ޝަރީއަތް ކުރާނެ ގާނޫނެއް ފާސްވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އިސްލާމީ ޝަރީއަތުގައި ބުނާގޮތަށް މަރުގެ ހުކުމެއް ކުރިއަސް އެ ހުކުމް ތަންފީޒު ނުކޮށް ގިނަ ދުވަސްތަކަކަށް މަޑުޖައްސާލަން ޖެހޭ ހާލަތްތަކެއް އަންނާތީ، މަރުގެ ހުކުމް ކުރުމަށް ފަހު ކުއްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވެންދެން އެފަދަ މީހުން ޚާއްސަ އުސޫލުތަކަކުން ޖަލުތަކުގައި އެކަހެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް އެކަށައެޅޭ ފަދަ މާއްދާއެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުގައި ކަނޑައެޅިފައި އޮންނަން ޖެހެ އެވެ.

"އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން މަރުގެ މައްސަލަތަކުގައި ޝަރީއަތް ހިންގާނެ ގަނޫނެއް އެއީ ވަރަށް މުހިންމު އެއްޗެއް. މަރަށް މަރު ފިހުމަށް ހުކުމް ކުރި ކަމުގައި ވިޔަސް އިސްލާމީ ޝަރީއަތް ބުނާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އެމީހެއްގެ ހުންނަ އެންމެ ހަނގުދަރިފުޅު ތަސައްރަފް ފުދުމުން ސީދާ އެކުއްޖާގެ ބަހެއް ހޯދަންޖެހޭ. އެހެންކަމުން ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެފައި ތިބޭ މީހުން ޖަލުގެ އެހެން ގައިދީންނާއި އެކުގައި ތިބުމަކީ މުޖުތަމައުއަށް އިތުރު ނުރައްކަލެއް ކުރިމަތިވުމަށް އޮތް ފުރުސަތަކަށް ވެދާނެ. އެހެން ކަމުން މަރުގެ ހުކުމް ތަންފީޒު ކުރެވެންދެން އެފަދަ މީހުން ޚާއްސަ އުސޫލުތަކަކުން ޖަލުތަކުގައި އެކަހެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް އެކަށައެޅޭ ފަދަ މާއްދާއެއް އަލަށް ހުށަހަހެޅޭ ބިލުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް،" ޒަނީން ވިދާޅުވެއެވެ.

ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވިގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރަންޖެހޭ ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކުގައިވެސް އެފަދަ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަކަމަށާއި އެފަދަ ޚާއްސަ އުސޫލުތަކެއް ކަނޑަ ނޭޅެނީސް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރަނގަޅުގޮތެއް ނޫންކަމަށް އޭނާ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރެވޭ ޚާއްސަ އިޖުރާއަތުތަކެއް ކަނޑައަޅާ އިރު ތަހުގީގު މަރުހަލާ އިން ފެށިގެން މުޅި ޝަރީއަތް ނިމެންދެން އަމަލުކުރާ އިތުބާރު ކުރެވޭ އުސޫލުތަކަކަށް ހަދަންޖެހޭ ކަމަށެވެ.

"މަރުގެ އަދަބަކީ ލިބެންޖެހޭ އެއްޗެއް. ތަންފީޒިކުރެވެން ޖެހޭ އެއްޗެއް. އިސްލާމީ ޝަރީއަތް ހިނގާ ގައުމެއް ވެއްޖެއްޔާ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ތަންފީޒު ކުރެވެން ޖެހޭނެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް ޚާއްސަ އިޖުރާއަތުތަކެއް އޮވޭ. އެފަދަ އިޖުރާއަތުތަކެއް ނެތި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރަނގަޅު ކަމެއް ނޫން. މީގެ އިތުރުން މަރުގެ އަދަބު ދެވޭ ކުށްތައް ތަހުގީގު މަރުހަލާ އިން ފެށިގެން މުޅި ޝަރީއަތް ނިމެންދެން އަމަލު ކުރެވޭ އިޖުރާއަތުތަކަކީ އިތުބާރު ހިފޭ އިޖުރާއަތު ތަކަކަށް ހަދަންޖެހޭ،" އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މަރުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާއަށް ތަހުގީގު މަރުހަލާގައި ލިބެންޖެހޭ ހުރިހާ ހައްގެއްވެސް ލިބިފައި އޮންނަން ޖެހެ އެވެ. އެއީ ކުށް ނުކުރާ މީހަކަށް އަދަބު ނުދެވޭކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. އަދި މަރުގެ ހުކުމް އިއާދަނުކުރެވޭ ބޮޑެތި އަދަބުތައް ތަންފީޒު ކުރުމުގެ ކުރިން ހަރުދަނާ ޖިނާއީ އަދުލުގެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

ހަރުދަނާ ޖިނާއީ އަދުލުގެ ނިޒާމެއް ގާއިމް ކުރުމަށް ހެއްކާއި ބެހޭ ގާނޫނާއި ގާނޫނުލް އުގޫބާތާއި ޖިނާއީ
އިޖުރާއަތުގެ ގާނޫނެއް ފާސްވެފައި އޮންނަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"ހަރުދަނާ ޖިނާއީ އަދުލުގެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މައިގަނޑު ތިން ގާނޫނެއް އޮންނަން ޖެހޭ. ހެއްކާއި ބެހޭ ގާނޫނާއި. ގާނޫނުލް އުގޫބާތާއި. ޖިނާއީ އިޖުރާއަތުގެ ގާނޫނެއް އޮންނަންޖެހޭ. އެހެން ނޫނީ ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަ އެއް ނުވާނެ. އަދި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަ ނުވަނީސް މަރުގެ ހުކުމް ތަންފީޒުކޮށްގެން ނުވާނެ،" އަހުމަދު ވިދާޅުވި އެވެ.

މަރަށް މަރުހިފުމަށް ގިނަ ގާނޫނުތަކަށް ބޭނުންވާއިރު ޝަރީއަތުގެ މަރުހަލާގައި އަމަލުކުރާނެ އުސޫލުތަށް ކަޑައެޅުމުގެ ގާނޫނަކުން އެކަނިން ފުއްދާލެވޭކަށް ނެތެވެ. ހުކުމް އިއްވުމަށް ފަހު އެ އަދަބު ތަންފީޒު ކުރާނޭ ގޮތްތަކެއްވެސް ގާނޫނުތަކުން ކަޑައަޅަން ޖެހެ އެވެ. ގާނޫނުލް އުގޫބާތާއި ހެއްކާއި ގުޅޭ ގާނޫނުތައްވެސް އެއާ އެކު އެކީހެން އަންނަންޖެހެ އެވެ. އެހެންނޫންނަމަ ގާނޫނުގެ ނިޒާމުގެ ތެރެއިން މަރުގެ އަދަބު ދިނުމާއި މެދު އަނެއްކާވެސް ފެންނާނީ ބަހަނާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް