ޕާސްޕޯޓު ނިމުމުން ލަސްނުކޮށް ނެގުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ފަށައިފައި --- ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓު ހަދައި ނިމުމަށްފަހު، ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ޕާސްޕޯޓު ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ޕާސްޕޯޓު ހަދައި ނިމޭތާ ގިނަ ދުވަސްތަކެއް ވާއިރު ވެސް ބައެއް ފަރާތްތަކުން ޕާސްޕޯޓާ ހަވާލުނުވެ އެބަހުރި ކަމަށެވެ. އަދި ޕްރިންޓްކޮށް ނިމިފައިވާ ޕާސްޕޯޓުތައް އެ އިދާރާގައި ބެހެއްޓޭނީ ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި، އެ މުއްދަތު ހަމަވުމަށްފަހު ހަވާލުނުވާ ޕާސްޕޯޓުތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، ޕާސްޕޯޓު ނިމިފައިވާ ކަމަށް އެ އިދާރާއިން އެންގުމުން ލަސްނުކުރައްވައި ޕާސްޕޯޓާ ހަވާލުވުމަށް ވަނީ އެދިފައެވެ.

ހަވާލުނުވާ ޕާސްޕޯޓުތައް ނައްތާލާނެ ކަމުގެ އިންޒާރާއެކު މި އިލްތިމާސް ކޮށްފައި މިވަނީ، ޕާސްޕޯޓުގެ އައު ސްޓޮކް ލިބި، ކުރިއެކޭ އެއްގޮތަށް އާންމު ހާލަތުގައި ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ މަހު ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން، ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެ ބެކްލޮގެއް އުފެދުނެވެ. އެހެންނަމަވެސް، އިމިގްރޭޝަންގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތްކޮށްގެން، ޕާސްޕޯޓަށް އެދިފައިވާ ފަރާތްތަކުގެ ޕެންޑިންގް އެޕްލިކޭޝަންތައް ވަނީ ކްލިއާކޮށްފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، އައު ސްޓޮކް ލިބިފައިވާ ކަމަށެވެ. އަދި އޭރު ޕާސްޕޯޓު ހައްދަން އެދިފައި ތިބި 2،646 މީހުންގެ ބެކްލޮގް ފިލުވައިލެވި، މިހާރު ހިދުމަތް ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

comment ކޮމެންޓް