ވޮޝިންޓަން (16 ނޮވެންބަރު 2026): އިސްރާއީލުގެ ޕްރެޝަރު ނެތްނަމަ އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އަމުރެއް މިހާރު ވެސް ނެރެވިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކޮންޒަވެޓިވް ފިކުރުގެ ޓީވީ ޗެނެލް އެއްކަމަށްވާ "ސާލެމް ނިއުސް ޗެނެލް"އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށީ ވެސް އިސްރާއީލުގެ ފިއްތުންތަކާ ގުޅިގެންކަމަށާ އެހަނގުރާމަ މިހިސާބަށް ދިގުދެމިގެން ދިޔައީވެސް އިސްރާއީލު އެކަމަށް ބޭނުންވާތީއެވެ. މި ޗެނެލްގެ ކޮމެންޓޭޓަރެއްކަމަށްވާ ސްޓީވަން ސްމިތް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނަށް ދީފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގައުމަކާ ދެކޮޅަށް އެމެރިކާ ނުދޭފަދަ ގަދަފަދަ ހަމަލާތަކެއް ކަމުގައެވެ.
"އަހަރެންގެ ކޮމާންޑްގެ ދަށުން އެމެރިކާ ސިފައިން އީރާނަށް ދިނީ ވަރަށް ވަރުގަދަ ކާމިޔާބު ހަމަލާތަކެއް، މިހަމަލާތަކާމެދު އަހަރެން ފަޚުރުވެރިވަން، ސަބަބަކީ މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ވަޔާއި ކަނޑާ އަދި އެއްގަމުގެ ލަޝްކަރުތައް މުޅިން ފުނޑާލެވި އީރާނުގެ އަސްކަރިއްޔާ އެއްކޮށް އިނދަޖައްސާލެވިފައިވާތީ، މިއީ އެމެރިކާގެ އެއްވެސް ރައީސަކަށް ކުރަންކެރުނު ކަމެއްނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާ ހޯއްދެވި މި ކާމިޔާބީތަކާ އެކު ވެސް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ނުގެނެވޭ މައިގަނޑު ސަބަބަކީ ހަނގުރާމަ ކުރިޔަށްގެންދިޔުމަށް އިސްރާއީލު ހިމެނޭގޮތަށް މެދުއިރުމަތީގައިވާ އެމެރިކާގެ ކިބައިން ހިމާޔަތް ހޯދާ ގައުމުތަކުގެ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އިސްރާއީލު ހިމެނޭގޮތަށް މިގައުމުތައް ބޭނުންވަނީ އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން ހަނގުރާމަ ހުއްޓާނުލައި މިހާރު މިއޮތް ހާލަތުގައި ކަންކަން ބޭއްވުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން އޭނާއަށާއި އޭނާގެ ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެތެރޭގައި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީ ހިމެނެއެވެ. މި ނާކާމިޔާބީގެ މައިގަނޑު އެއްސަބަބަކީ އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައާއެކު އެމެރިކާގައި ތެލުގެ އަގު މައްޗަށް ދިޔުންކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިއީ އިންތިޚާބު ނަތީޖާ ހާމަވި ދުވަހުވެސް ޓްރަމްޕް ވިދާޅުވި ވާހަކައެކެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ރަމޮން ގޮފްމަން --ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާގެ އާންމުންގެ ވިސްނުމާއި ފިކުރު އިސްރާއީލާ ދެކޮޅަށް ބަދަލުވަމުން ދިޔަނަމަވެސް އިސްރާއީލާމެދު އޭނާ ދެކޭގޮތަށް ބަދަލެއްނާދެއެވެ. އަހަރެންނަކީ
"އިސްރާއީލަށް އެންމެ ބޮޑަށް ތާއީދުކުރާ އަދި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ ތާއީދު އިސްރާއީލުގައި އާދަޔާ ޚިލާފަށް ބޮޑެވެ. އިސްރާއީލުގެ 99 އިންސައްތަ މީހުން އޭނާއަށް ތާއީދުކުރާ ކަމަށާއި އިސްރާއީލުގެ ވެރިކަމަށް ކުރިމަތިލައިފިނަމަ 99 އިންސައްތައިގެ ވޯޓުން އޭނާއިންތިޚާބު ވާނެކަމަށް "ސާލެމް ނިއުސް ޗެނެލް" އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވިއެވެ.
އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގާ އީރާނުގެ ވަޔާއި ކަނޑާ އަދި އެއްގަމުގެ ލަޝްކަރުތައް މުޅިން ފުނޑާލެވި އީރާނުގެ އަސްކަރިއްޔާ އެއްކޮށް އިނދަޖައްސާލެވިފައިވާ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ގެންދަވައެވެ. ނަމަވެސް އީރާނުން އޭނާ އަވަހާރަކޮށްލުމަށް ދީފާނެ ހަމަލާއަކަށް ބިރުން ފިލުމަށް ޓަކައި ޓްރަމްޕް ވަނީ ކާބޯތަކެތި އަޅާ ކޮންޓެއިނަރަކަށް އެރިވަޑައިގެންފައެވެ. އަދި ޓްރަމްޕްގެ މާލީ ވަޒީރުވެސް މިދިޔަ ހަފްތާގައިވަނީ އީރާނުން އޭނާ އަވަހާރަކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާގެ އަސްކަރީ ބޭހަކަށް ގެންގޮސް އަސްކަރީ ހިމާޔަތްދީފައެވެ.
ރިޕޯޓްތަކުން ހާމަވާގޮތުގައި އީރާންވަނީ ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ވެސް ގިނަ ހަމަލާތަކެއްދީ އެތަންތަން ފުނޑާލައިފައެވެ. އަދި މިހާރުވެސް އެމެރިކާ ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ރައްދުދެއެވެ. ޚަބަރުތަކުން އެނގޭގޮތުގައި އީރާނުގެ ހުއްދައަކާނުލައި ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށްވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އީރާނުން ހަމަލާތައް ދެމުންގެންދެއެވެ.
އަނެއްކޮޅުން އެމެރިކާގެ އަސްކަރީ އެއްވެސް މަނަވަރަކަށް ގަލްފަށް ވަންނާކަށް ވެސް ނުކެރެއެވެ. އެމެރިކާގެ މަނަވަރުތައް ތިބޭކަމަށްވަނީ އީރާންއާ 700 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ. އީރާން އާ ކުރިމަތިލުމަށް ޓަކައި މަތިންދާ ބޯޓު އުފުލާ ދެމަނަވަރާއި އެނޫން ވެސް ކުދި މަނަވަރުތައް އަރަބި ކަނޑަށް ދިޔުމުގެ މަގުމަތީގައިވާ ކަމަށް އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާއިން ބުނެއެވެ. ޓްރަމްޕް ވިދާޅުވާގޮތަށް އީރާނުގައި އަސްކަރީ ބާރުނެތްނަމަ ނޫނީ އީރާނުގެ ހުރިހާ ބާރުތަކެއް ފުނޑާލެވިފައިވާނަމަ މިގޮތަށް ކަންތައް ހިނގާނެތޯ މުހައްލިލުންވަނީ ސުވާލު އުފައްދައިފައެވެ.
"ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްރަމްޕަށް ފޯނުކުރައްވައި އެކަމަށް ބާރުއަޅައެވެ. އަދި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ ވެރިޔާ ރަމޮން ގޮފްމަން މިދިޔަ ހަފްތާގައި އެމެރިކާއަށް ދިޔައީވެސް އީރާނަށް އަލުން ހަމަލާދޭން އަލުން ފެށުމަށް ޓްރަމްޕަށް ބާރުއެޅުމުގެ ބޭނުުމުގައެވެ. އެމެރިކާގެ އެހެން ނޫހެއްކަމަށްވާ ނިއުޔޯކަރ ބުނާގޮތުން ރަމޮން ގޮފްމަން އެމެރިިކާގެ މަސްއޫލުވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި އީރާނުން ޑްރޯން ބޭނުންކޮށްގެން އެމެރިކާގެ މަސްއޫލުވެރިން މަރާލުމުގެ ޕްލޭނެއް ރާވާފައިވާކަމުގެ ޖާސޫސީ މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށް ބުނެ އެމެރިކާގެ މަސްއޫލުވެރިންގެ ހިތްތަކުގައިވަނީ ބިރުވެރިކަން އުފައްދައިފައެވެ. މިކަމުގެ ބޭނުމަކީ އީރާނަށް އަލުން ހަމަލާދިނުމަށް ޓްރަމްޕަށް ބާރުއެޅުމެވެ.