ގުޅިފަޅު ހިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ، މުއްދަތު ހަމަވެގެން ހައިކޯޓުން ބޭރުކޮށްލައިފި

ގުޅީފަޅު ---- ފޮޓޯ/ މިނިސްޓްރީ

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އިޢާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބުނެ އެ މަޝްރޫޢު ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނު ގޮތް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، އިސްތިއުނާފުގެ މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ތިމާވެށީގެ ޙައްޤުތަކަށް ވަކާލާތުކުރާ ހ. ޝޭޑީކޯނާ، ޙުމައިދާ ޢަބްދުލްޣަފޫރުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުގެ ނިންމުން: ސަރުކާރުގެ މަޝްރޫޢު ހުއްޓުވޭނެ ތަނެއް ނެތް

ގުޅީފަޅު ޕޯޓް މަޝްރޫޢުގެ ދަށުން ބޮސްކާލިސް ކުންފުންޏާ ޙަވާލުކޮށްގެން ހިންގި ބިންހިއްކުމުގެ ސަބަބުން، ވިލިމާލޭގެ ފަރަށާއި ޤާނޫނުން ޙިމާޔަތްކޮށްފައިވާ ބައެއް މުހިންމު ޑައިވް ސައިޓްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ބުނެ ޙުމައިދާ ހުށަހެޅި މި މައްސަލަ ބެއްލެވުމަށްފަހު، ސިވިލް ކޯޓުން ނިންމާފައިވަނީ އެ މަޝްރޫޢު ހުއްޓުވަން ޖެހޭ ޤާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ވަނީ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އީއައިއޭ (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު) ހަދައި، އީޕީއޭގެ ހުއްދަތަކާއި ޝަރުޠުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމެވެ. އަދި މަޝްރޫޢު ހުއްޓުވަން އެދުނުއިރު އެ މަޝްރޫޢުގެ ބިންހިއްކުމުގެ ބައި އެއްކޮށް ނިމިފައިވާތީ، މަޝްރޫޢު ހުއްޓުވުމުގެ އަމުރެއް ނެރުމުގެ ފާއިލިއްޔަތުކަން ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ތަނާއި އެކަމަށް ކުރާނެ ޚަރަދުތައް ކަނޑައެޅުމަކީ ޤާނޫނުއަސާސީން ވެރިކަން ހިންގުމުގެ ބާރަށް ދީފައިވާ އިޚްތިޔާރަކަށްވާތީ، އެފަދަ ސިޔާސަތުތައް ބަދަލުކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާ ކަމެވެ.

މި މައްސަލަ ޙުމައިދާގެ ފަރާތުން ދެން ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން މައްސަލަ ބަލައި ނުގަނެ، އާދިއްތަ ދުވަހުވަނީ މައްސަލަ ފޮނުވާލާފައެވެ.

ހައިކޯޓުން މައްސަލަ ބަލައިނުގަތް ސަބަބު: އިސްތިއުނާފުގެ މުއްދަތު ހަމަވުން

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ޚޫރުޝިދާ ނިންމެވި ނިންމެވުމުގައި ބަޔާންކުރައްވާފައި ވަނީ، ސިވިލް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ޚުލާޞާ 24 އޮގަސްޓް 2026 ގައި ޙުމައިދާއަށް ޙިއްޞާކޮށްފައިވާ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާއަށް ބިނާކޮށް މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާނަމަ، އެ ލިޔުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅަންޖެހެއެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ އެންމެ ފަހު ތާރީޚަކީ 24 ސެޕްޓެންބަރު 2026 އެވެ. ނަމަވެސް، ޙުމައިދާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅާފައި ވަނީ 06 އޮކްޓޫބަރު 2026 ގައި ކަމަށް ވާތީ، ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ އެ މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމެވުމާމެދު ހިތްހަމަނުޖެހޭނަމަ، ނިންމުން އެންގި ތާރީޚުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭހެން 14 ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު މައްސަލަ ހުށަހެޅި ފަރާތަށް ޤާނޫނީ ގޮތުން ލިބިގެންވެއެވެ.

comment ކޮމެންޓް