އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ވަރުން ރާއްޖެއަށް

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން އަންހެނުން ނަތާޝާއާ އެކު--ފޮޓޯ/ފޭސްބުކް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ވަރުން ދަވަން، އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ދިވެހިރާއްޖެ އަތުވެއްޖެއެވެ.

ވަރުން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި، އޭނާގެ އަންހެނުން ނަތާޝާ ދަލާލް އަދި ދަރިފުޅު ލާރާއާ އެކުގައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކ. އަތޮޅުގައި (ސައުތު މާލެ އެޓޯލް) ތިން ރަށެއްގެ މައްޗަށް ތަރައްޤީކޮށްފައިވާ މަޝްހޫރު ރިސޯޓު، ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

މި ދަތުރުގެ ތެރެއިން، ރިސޯޓުގެ ހިތްގައިމު މާޙައުލުގައި ނަގާފައިވާ ޚާއްޞަ ފޮޓޯތަކެއް ވަރުން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން އޭނާގެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ފެނިގެންދާ ފަދައިން، ދަރިފުޅު ލާރާގެ އަތުގައި ހިފައިގެން ހުރި އާއިލީ ލޯބިވެތި މަންޒަރު ވެސް ފެނިގެންދެއެވެ. ގޮނޑުދޮށުގެ ހިތްގައިމު މަންޒަރުތަކާއެކު ހިއްސާކޮށްފައިވާ މި ފޮޓޯތަކުން، ވަރުން އާއި ދަރިފުޅު ލާރާގެ މެދުގައި އޮތް ލޯބި ގާތް ގުޅުން ދައްކުވައިދޭއިރު ގިނަ ބައެއްގެ ބޮޑު ސަމާލުކަމަކާއި ތަޢުރީފު ވަރުންއަށް ދަނީ ލިބެމުންނެވެ.

ވަރުން ދަރިފުޅު ލާރާއާ އެކު--ފޮޓޯ/ފޭސްބުކް

މިއީ 2023 ވަނަ އަހަރަށްފަހު ވަރުން ދަވަން ޗުއްޓީއަށް ދިވެހިރާއްޖެ އައި ފުރަތަމަ ފަހަރެވެ. ރާއްޖެއަކީ ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އެންމެ މަޤުބޫލު އެއް މަންޒިލެވެ.


ބޮލީވުޑްގެ އެންމެ މަޤުބޫލު ޒުވާން އެކްޓަރުންގެތެރޭ ހިމެނޭ ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ބޯޑާ 2" އަދި "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ"އިންނެވެ. މި ދެ ފިލްމުގައި ވެސް ވަރުން ކުޅުނު ކެރެކްޓާތަކަށް ބެލުންތެރިން ވަނީ ތައުރީފުކޮށްފައެވެ.

ވަރުންގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، މެޑޮކް ފިލްމްސްއިން އުފައްދާ "ބޭޅިޔާ 2" އަދި "ނޯ އެންޓްރީ"ގެ ސީކުއަލް ހިމެނެއެވެ.

comment ކޮމެންޓް