ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީ، ޖެނީލިއާ ޑެޝްމުކް އަދި އަޕަރްޝަކްތީ ކުރާނާ މުހިންމު ރޯލުތަކުން ފެނިގެންދާ "ގަންމާސްޓަ ޖީ9"ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. އާދިތުޔާ ދަތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، އިމްރާން އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ކުޅުނު ފަދަ ފޯރިގަދަ އެކްޝަން ދާއިރާއަށް އަލުން އަނބުރާ އައުން ރަމްޒުކޮށްދޭ ވަރުގަދަ މަސައްކަތެކެވެ.
އަލަށް ނެރުނު ޓްރެއިލާއިން ފެންނަ ގޮތުގައި، ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ބޭވަފާތެރިކަމާއި ބަދަލުހިފުމުގެ އިތުރުން، އާއިލާ ހިމާޔަތްކުރުމަށްޓަކައި މީހަކު ކޮށްފާނެ ކަންތައްތަކުގެ މައްޗަށެވެ. ދެހާސްފަސް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "އާޝިގް ބަނާޔާ އާޕްނޭ" އަށްފަހު ޑައިރެކްޓަރު އާދިތުޔާ ދަތު އާއި އިމްރާން ހާޝްމީ އަލުން އެކީގައި މަސައްކަތްކުރާ މި ފިލްމުގެ މަންޒަރުތަކުން ނުތަނަވަސް އަދި ނުރައްކާތެރި މާހައުލެއް ސިފަކޮށްދެއެވެ. އޭގައި އިމްރާން ފެނިގެންދަނީ އޭނާގެ މާޒީގެ އަނިޔާވެރި ދިރިއުޅުން ދޫކޮށްލަން މަސައްކަތް ކުރި ނަމަވެސް، އަލުން އެ ހަމަނުޖެހުންތަކުގެ ތެރެއަށް ދަމައިގަނެވޭ މީހެއްގެ ގޮތުގައެވެ.
މި ފިލްމުގައި އިމްރާންގެ އިތުރުން ޖެނީލިއާ ޑެޝްމުކް ފެނިގެންދާއިރު، އަޕަރްޝަކްތީ ކުރާނާ ފެނިގެންދަނީ ނުރައްކާތެރި ވިލަންއެއްގެ ރޯލުންނެވެ. ޓްރެއިލަރުގެ ވަރުގަދަ ތަޅާފޮޅުމުގެ މަންޒަރުތަކާއެކު ލޯބީގެ އަސަރުގަދަ މަންޒަރުތައް ވެސް ހިމެނިފައިވާއިރު، މި މަންޒަރުތަކަށް އިތުރު ދިރުމެއް ގެނެސްދެނީ ހިމޭޝް ރޭޝަމިޔާގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ "އަފްސާނާ ބަނާޔާ އާޕްނޭ" ލަވައިންނެވެ.
ފިލްމު "ގަންމާސްޓަ ޖީ9"ގެ މަންޒަރެއްގައި ޖެނީލިއާ އަދި އިމްރާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސްޓްރެއިލާއިން ހާމަވާ ގޮތުގައި، މިއީ އިމްރާން ފަހަކަށް އައިސް ކުޅުނު ފިލްމުތަކާ މުޅިން ތަފާތު ރަހައެއް އޭގައި އެކުލެވޭ ފިލްމެކެވެ. މި ރޯލާ ގުޅޭގޮތުން އިމްރާން ބުނެފައިވަނީ، ފިލްމުގެ އަތްފައިން ތަޅާފޮޅާ މަންޒަރުތަކާއި އުނދަގޫ ސްޓަންޓްތަކަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހުނު ކަމަށާއި، ފާއިތުވި އަހަރުތަކުގައި ބެލުންތެރިންނަށް ނުފެންނަ ފަދަ ޖިސްމާނީ ގޮތުން ބުރަ އަދި ރުޅިވެރިކަން ގަދަ އެކްޓިންގްއެއް މި ފިލްމުން ދައްކުވައިދޭން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
ޑައިރެކްޓަރު އާދިތުޔާ ދަތު ފާހަގަކުރި ގޮތުގައި، މި ފިލްމު ފަރުމާކޮށްފައިވަނީ ބޮޑު ސްކްރީނަށް އެކަށީގެންވާ ވިޔަފާރި ފިލްމެއްގެ ގޮތުގައެވެ. އެގޮތުން އޭނާ އާއި އިމްރާންގެ ކުރީގެ މަސައްކަތްތަކުން ފެނުނު ފަދަ ރީތި މިއުޒިކީ އުފެއްދުންތަކާއި ވަރުގަދަ އެކްޝަން މި ފިލްމުގައި ގަސްދުގައި މަސްހުނިކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ހަމައެއާއެކު، ފިލްމުގެ ބަތަލާ ޖެނީލިއާ ބުނީ މި ފިލްމަކީ ތަފާތު އެކި ރަހަތައް އެކުލެވޭ ފިލްމެއް ކަމަށާއި، ވަރުގަދަ އެކްޝަނާއެކު ޖަޒުބާތީ ފުންކަމާއި މަޖާ ކަންތައްތައް ވެސް ފިލްމުގައި ހަމަހަމަކޮށް ހިމެނިފައިވާނެ ކަމަށެވެ.
ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ގެނެސްދޭ "ގަންމާސްޓަ ޖީ9" ޕްރޮޑިއުސްކޮށްފައިވަނީ ދީޕަކް މުކުތު، ހުނަރް މުކުތު އަދި ސަންގީތާ އަހީރެވެ.
އިމްރާން ހާޝްމީ، ޑައިރެކްޓަރު އާދިތުޔާ ދަތު އަދި މިއުޒިކް ކޮމްޕޯސަރު ހިމޭޝް ރޭޝަމިޔާގެ ކާމިޔާބު ޓީމު އަލުން އެކީގައި މަސައްކަތްކޮށްފައިވާ، މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.