ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ހިމަންދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިގޮތުގައި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އއ. ހިމަންދޫގެ އިތުރުން އއ. ތޮއްޑޫ، ބ. ތުޅާދޫ، މ. މުލި، ފުވައްމުލައް ސިޓީ އަދި ސ. ގަމަށެވެ.
އެގޮތުން، އއ. ހިމަންދޫއަށް 89.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 73.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ބ. ތުޅާދޫއަށާއި މ. މުއްޔަށް 70.3 މިލިމީޓަރު، ފުވައްމުލައް ސިޓީއަށް 77.5 މިލިމީޓަރު އަދި ސ. ގަމަށް 69.5 މިލިމީޓަރު ވާރޭ ވެހިފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތައް--މިއަދުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ މޫސުމީ ސަމާލުތަކެއް ނެރެފައެވެ. އެގޮތުން މިއަދު 07:00 އިން ފެށިގެން 12:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާހަމައަށް ވަނީ 07:00 އިން 11:00 އާ ހަަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގާތްގަޑަކަށް 40 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާގެ ސަމާލުގައި ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން މިދިޔަ އާދީއްތަ ދުވަހު ވަނީ، މި ހަފުތާގައި ދިގު ޗުއްޓީއެއް ލިބޭއިރު، މާދަމާއިން ފެށިގެން ވިއްސާރަ އަލިވާން ފަށާނެކަމަށް ލަފާކޮށްފައެވެ.
މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރުން ވަނީ، އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްފައެވެ.