ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކޮށް، ގިނަ އެލަވަންސްތަކެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް 3,000 ރުފިޔާއަށް ބޮޑުކޮށް، ގިނަ އެލަވަންސްތަކެއް ތައާރަފު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ ގޮތުގައި މިހާރު ދެމުން އަންނަނީ 12 އަހަރު ކުރިން އެ އެލަވަންސް ދޭން ފެށީއިރު ވެސް ކަނޑައެޅި 2000 ރުފިފާއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީން ބުނީ އެ އަދަދު އިތުރު ކުރުމަށްޓަކައި ގިންތިތަކެއް ހަދައި، 6،000 ރުފިޔާއާ ހަމައަށް އެ އެލަވަންސް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

މި ގެނެވުނު ބަދަލާ އެކު ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް މަދު ވެގެން 3،000 ލިބޭނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މިއަދު އިއުލާނު ކުރެވުނު ބަދަލާ އެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އެލަވަންސަށް ޖޫން މަހުން ފެށިގެން 50 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެ އުސޫލުގައި ވާގޮތުން:

  • މާލީ އެލަވަންސް - 2،000 ރުފިޔާއިން - 3،000 ރުފިޔާއަށް ބޮޑުވާނެ
  • އަމިއްލައަށް ނޫޅެވޭ 65 އަހަރުން ދަށުގެ ނުކުޅެދޭ މީހުންނަށް އިތުރު 2،000 ރުފިޔާގެ އެލަވަންސެއް
  • އަސާސީ ތަކެތި ގަތުމަށް ދެވޭ 1،000 ރުފިޔާގެ އެލަވަންސެއް - މި ކެޓަގަރީގައި ހިމެނެނީ 65 އަހަރުން ދަށުގެ މީހުން
  • އެއް ގޭބިސީއެއްގައި އެކަކަށް ވުރެ ގިނަ ނުކުޅެދޭ މީހުން އުޅޭނަމަ 1،000 ރުފިޔާގެ އެލަވަންސެއް

ޖެންޑާ މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ހާލަތަށް ރިއާޔަތްކޮށް ދެވޭ އެލަވަންސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ރަޖިސްޓްރީގައި ތިބި 58 އިންސައްތަ މީހުންނަށް ލިބޭނެއެވެ.

comment ކޮމެންޓް